ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ށ. ފޯކައިދޫ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތް ނިންމާ، ވަށާފާރު ރޭނުގެ މަސައްކަތް ފެށި ނަމަވެސް ސަރުކާރު ބަދަލުވުމާއެކު ފާރުމަތީގައި އަޅާ ބެރީގެ މަސައްކަތް ހުއްޓުނު ގޮތަށް މަސައްކަތް ނުފެށި އޮންނަތާ 2 އަހަރު ވެފައިވާ ކަމަށް އެރަށު ކައުންސިލް ގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެ އެވެ. 

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވީ ސިއްހީ މަރުކަޒުގެ ބޭރު ފާރަކީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި މަސައްކަތް ފެށި ފާރެއް ކަމަށެވެ. އޭނާ ވިދާޅުވީ ފާރުގެ މަސައްކަތަކީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއެކު ފެށުނު މަސައްކަތެއް ކަމަށާއި، ފާރުގެ މަސައްކަތް ނިންމާ މަތީ ބެރި އަޅަމުން ދަނިކޮށް އެއިރު ވެރިކަން ބަދަލުވި ކަމަށެވެ. 

އާސިފް ވިދާޅުވީ ވެރިކަން ބަދަލުވި ހިސާބުން ބެރީގެ މަސައްކަތް ކުރެވުނު މިންވަރަށް މަސައްކަތް ކޮށް ހުއްޓިފައިވާ ކަމަށާއި، 2 އަހަރު ވި އިރު ވެސް ބެރީގެ މަސައްކަތް އެއްކޮށް ނިންމާ ނުލެވުނު ކަމަށެވެ. 

ބެރި އަޅާލުން އޮތީ ބާކީ ފާރުގެ. ވެރިކަން ބަދަލުވި ހިސާބުން އައިސް މަސައްކަތް ހުއްޓުނު ގޮތަށް މިއޮތީ. އެއިރު ރަނގަޅަށް ކުރަމުން އައި މަސައްކަތެއް މިއީ. މިއީ ކުރީ ސަރުކާރުން ފަށާ ނިންމާފައި އިން ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ފެންނަން މިހުރީ. 
ފޯކައިދޫ ކައުންސިލް ގެ ރައީސް އަހުމަދު އާސިފް 

ބެރި އަޅަން ފަށާ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ބޭނުންކޮށްފައިވާ ދަގަނޑުތައް ދަބަރަށް ވާން ފަށާފައިވެ އެވެ. ފޯކައިދޫގައި މި މަސައްކަތުގެ އިތުރުން ވެސް ވެރިކަން ބަދަލުވި ހިސާބުން ގާތްގަނޑަކަށް ހުރިހާ ޕްރޮޖެކްޓެއް ވަނީ ހުއްޓިފަ އެވެ. މީގެ ތެރޭގައި އެރަށުގައި ހުރި ބޮޑު މިސްކިތް މި ސަރުކާރުން ތަޅާލާ އަޅަން އުޅުނު އިސްލާމީ މަރުކަޒު ވެސް ހިމެނެ އެވެ.