ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ގަސް ކެނޑުމަކީ ބައެއް ޙާލަތްތަކުގައި ކުރަން ޖެހޭ ކަމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެގޮތުން ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ގަސް ކަނޑަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަމަށް މިނިސްޓަރާ ވަނީ ސުވާލު ކޮށްފަ އެވެ. އެހެން ނަމަވެސް، އެކަމުގައި އެންވަޔަރަމަންޓް މިނިސްޓްރީ އިން އެއްވެސް އެއްޗެއް ނުބުނަނީ ކީއްވެތޯ ސުވާލު ކޮށްފައިވެ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބައެއް ޙާލަތްތަކުގައި ތަރައްޤީގެ މަޝްރޫއު ކުރިއަށް ގެންދަން ގަސް ކަނޑަން ޖެހޭ ކަމަށެވެ. އެގޮތުން ގަސް ބަހައްޓައިގެން އެ މަސައްކަތެއް ނުވަތަ މަޝްރޫއެއް ކުރިއަށް ނުގެންދެވޭ ޙާލަތެއްގައި ކަނޑާލަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއެއްގައި ހުންނާނެ ގަސް ނަގަންޖެހޭ ހާލަތު ވެސް. މަގެއްގެ މެދުގައި ގަހެއް ހުރެއްޖެ ނަމަ އެ ގަސް ނަގަން ޖެހޭ ހާލަތު އޮވެއްޖެއްޔާ އެ ގަސް ނަގާނެ. ބައެއް ފަހަރު އެ ގަސް ނަގައިގެން ގޮސް އެހެން ތަނެއްގައި އިންދޭ ކަހަލަ ގަސް ހުންނާނެ، އެހެން ނޫނީ ކަނޑަން ޖެހޭ ހާލަތު ހުންނާނެ.. ގަސް ބަހައްޓައިގެން ނުކުރެވޭނެ ތަރައްގީ ވެސް ހުންނާނެ އެކަހަލަ ހާލަތްތަކުގައި ގަސް ނަގަން.
މިނިސްޓަރު ޠާރިޤު އިބްރާހީމް

އެހެން ނަމަވެސް، އޭގެ ބަދަލުގައި އިތުރު ގަސް ތަކެއް އިންދަން ޖެހޭނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ކަނޑާލާ ގަހުގެ ބަދަލުގައި ދެ ގަސް ނުވަތަ ތިން ގަސް އިންދަން ޖެހޭ ކަމަށާއި، ނޫން ނަމަ އެ ކަނޑާލާ ގަސް އެހެން ތަނެއްގައި އިންދުން ފަދަ ކަންކަން ކުރެވޭ ކަމަށް ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ފަސް މިލިއަން ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އެ ޕްރޮގްރާމްގެ ތެރެއިން ވެސް، ވަރަށް ބައިވަރު ގަސް އިންދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެއީ ރާއްޖެ ފެހި ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން އެތައް އަހަރެއްވެފައިވާ ނިކަ ގަސް ތަކެއް ކަނޑާލަން ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވަނީ އެކަން ދިފާއު ކުރައްވައިފަ އެވެ.

ވިލިމާލޭގެ ނިކަ ގަހުގެ ވާހަކަ އަަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ގަސް ކަނޑާލަން ނިންމީ އެ ސަރަހައްދުގެ ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހުމުންނެވެ. އެގޮތުން އެ ގަސް ކަނޑާ ނުލައި ވާނެ ގޮތެއް އޮތްތޯ ބެލި ކަމަށާއި، މޫތައް ފެތުރުނަ ނުދޭން މީގެ 10 އަހަރު ކުރިން ވެސް މަސައްކަތް ކުރި ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެކަމަށް އެއްވެސް ހައްލެއް ނައުމުން އެ ގަސް ކަނޑާލަން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ