ބާރަށް ދުއްވާ މީހުންގެ ސްޕީޑު ދަށްކުރުމުގެ ބޭނުމުގައި ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް ނެގީ އޭގައި އެއްވެސް މައްސަލައެއް ހުރެގެން ނޫން ކަމަށް ފުލުހުން ބުނެފި އެވެ. 

އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަަސީހް ވިދާޅުވީ ހުޅުމާލޭގައި ހަރުކުރި ސްޕީޑް ބްރޭކަރު ތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ބަމްޕަރުތަކުގެ މައުލޫމާތު، އޭގެ ސައިޒާއި، ހުންނަންވީ ކަންކަން އެނގޭނެ ހެން ހުރިހާ ކަމެއް އެޗްޑީސީ އާ ހިއްސާ ވެސް ކޮށްފައި ވާނެ ކަމަށެވެ. 

އެއީ ދިވެހިރާއްޖޭގައި އެކަނި ބޭނުން ކުރާ ބަމްޕަރުތަކެއް ނޫން ކަމަށާ އެއީ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ އެއްޗެހި ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ. 

ފަސީހު ވިދާޅުވީ އެއީ ރާއްޖެއަށް ޚާއްސަ ކޮށްގެން ހައްދައިގެން ގެނަސްފައިވާ އެއްޗެހިތަކެއް ވެސް ނޫން ކަމަށެވެ. އެއީ ސްޓޭންޑަޑް ތަކަށް ފެތޭ ސްޕީޑް ބްރޭކަރު ތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  އަދި ބަމްޕަރުގެ ސީދާ މައްސަލަ އެއް ހުރިކަމަށް އެއްގޮތަކަށް ވެސް ފާހަގަ ނުކުރެވޭ ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ. 

ނަމަވެސް އެ ހެދިފައި ހުރި ގޮތުން އާންމުކޮށް މީހުން ދުއްްވާ ބޮޑު މަގެއްގައި އެގޮތަށް ތަންކޮޅެއް، އެޅިފައި ހުރި ގޮތުން ކަންނޭނގެ މީހުންނަށް އުނދަގޫވެގެން ޝަކުވާކުރީ.  ދިވެހީން ގެ ތެރޭ ބައެއް ބޭފުޅުންނަށް މި ވާ ގޮތަކީ އެއްވެސް ވަރަކަށް މަޑުކޮށްލައިގެން އޭގެ ރަނގަޅު ގޮތުގައި ދާންވެއްޖެޔާ އެއީ ޝަކުވާއަކަށް ވެގެން ދަނީ. އެހެންނަމަވެސް އޭގެ ސަބަބުން ލިބޭ ރައްކާތެރިކަން އެމީހަކަށް އަސްލު އިހުސާސެއް ނުކުރެވޭ އެ ވަގުތަކު.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަަސީހް

ހުޅުމާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރުމަށްޓަކައި، އެ އަވަށް ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ފަހުން ހަރުކުރި ކުދި ސްޕީޑް ބްރޭކަރުތަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް, އެ އެއްޗެހި މިހާރު ވަނީ ނަގާފަ އެވެ. 

މިދިޔަ ސެޕްޓެންބަރު މަހުގެ ފަހު ކޮޅުން ފެށިގެން ހުޅުމާލޭ ގެ މަގުތަކުގައި ހަރުކުރީ، ކުދި ސްޕީޑް ބްރޭކަރު ތަކެކެވެ. ނަމަވެސް ކިތަންމެ މަޑުން ދުއްވާފައި ދާ ވެހިކަލެއް ވެސް އެ ބްރޭކަރު މަތިން ހުރަސް ކުރާއިރު މުޅި އުޅަނދަށް ލޮޅުން އަރަ އެވެ. 

މިއީ މީހުންގެ ހަށިގަނޑަށާއި ވެހިކަލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭފަދަ ބްރޭކަރުތަކެއް ކަމަށް ބުނެ، އެ ހަރުކުރަން ފެށި ދުވަހުން ފެށިގެން އާއްމުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ސިއްހީ ތަޖުރިބާކާރުން ވެސް ދިޔައީ އެއީ ރައްކާތެރި ބްރޭކަރުތަކެއް ނޫން ކަމަށާއި އޭގެ ސަބަބުން މީހުންގެ މައިބަދަފަދަ ނާޒުކު ގުނަވަންތަކަށް އަސަރުކުރާނެ ކަމަށް އިންޒާރު ދެމުންނެވެ.

އެޗްޑީސީ އިން ހުޅުމާލެ މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ހަރުކުރީ ރައްކާތެރި ތަނަކަށް ހުޅުމާލޭގެ މަގުތައް ހެދުމަށް ކަމަށް އެޗްޑީސީން ބުނެ އެވެ. އެގޮތުން ތިރީހަށް ވުރެ ގިނަ ސްޕީޑު ބްރޭކަރު ހަރުކޮށްފައިވާ ކަމަށް އޭރު އެޗްޑީސީން ބުންޏެވެ.