ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކު ގެ އިންތިހާބަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ރ. ދުވާފަރު ކައުންސިލް ގެ މެންބަރު ކަމަށް ވާދަކުރަން ހުށަހެޅި އިޒްމީލް އަހުމަދު ގެ  ފޯމު, ސަބަބެއް ނުބުނެ އެ ޕާޓީ އިން ރިޖެކްޓް ކޮށްފި އެވެ. 

ދުވާފަރު ކައުންސިލް ގެ މިހާރު ގެ ނައިބު ރައީސް އިޒްމީލް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހަބުގައި ޕީއެންސީ ގެ ޓިކެޓުގައި ކުރިމަތިލުމަށް ހުށަހެޅި ފޯމް އެޕާޓީން ރިޖެކްޓް ކޮށްފައިވާއިރު ރިޖްކްޓް ކުރި ސަބަބު ވެސް ބުނެ ނުދެ އެވެ. މިކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން އިޒްމީލް އަށް ގުޅުމުން ވިދާޅުވީ، އޭނާ އަކި ޕީޕީއެމް އުފެއްދުމުގެ ކުރިން ފެށިގެން ވެސް އެ ފިކުރުގެ މީހެއް ކަމަށާއި އަދި ޕީއެންސީ އުފެދުނު ފަހުން ދުވާފަރުގައި ވެސް އެންމެ އިސްކޮށް އުޅޭ އެކަކު ކަމަށެވެ. އިޒްމީލް އަކީ ދުވާފަރު ކައުންސިލް ގެ މިހާރުގެ ނައިބުރައީސް އެވެ. އަދި މިދިޔަ ދައުރުގައި ވެސް ކައުންސިލް ގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. 

އިޒްމީލް ވިދާޅުވީ އޭނާ އަށް ކުރިމަތިލުމަށް ފުރުސަތު ނުދިނީ ކީއްވެ ކަން ނޭނގޭ ކަމަށާއި އޭނާ ގެ ފޯމް ރިޖެކްޓް ކުރި ސަބަބު ވެސް މިހާތަނަށް ކުރި މަސައްކަތުން ސާފު ނުވާ ކަމަށެވެ. ޝަކުވާ ހުށަހެޅުމުން ވެސް ޖަވާބެއް ނުލިބޭ ކަން ފާހަގަ ކުރައްވާ އިޒްމީލް ވިދާޅުވި ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާ ގެ މެންބަރު އިބްރާހިމް ފަލާހު އަށް ގުޅުއްވުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާ ކަމަށާއި ތަކުރާރުކޮށް މެސެޖު ކުރުމުން ވެސް ފަލާހު އާއި ވާހަކަދެއްކޭ ގޮތް ނުވާ ކަމަށެވެ. 

ރިޖެކްޓް ކޮށްލީ ފާޅުކަން ބޮޑު ގޮތެއްގަ، ދެފުށް ފެންނަ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެ ސްޕީޑުގައި، އެ އިހުލާސްތެރި ކަމުގަ އެބޭފުޅާ ދެއްކެވި މަގުން ޕްރައިމަރީ އަކާ އެއްކޮށް ގެންދާނަމޭ ބުނި އިންތިހާބެއް.. ދެން ރިޖްކްޓް ކޮށްލި އިރުގަ ރީޒަން އެއް ނުބުނެ އެއޮތީ ކީއްވީކަން. ކޮބައިކަން ސަބަބަކީ. އެއީ އެންމެ ބޮޑަށް ބަލައިލަން ބޭނުންވާ ކަމަކީ.. ސަބަބު ހޯދަން ކެމްޕެއިން މެނޭޖަރު ޕީޖީ ލީޑަރު ފަލާހުއާ ވާހަކަ ދައްކަން މަސައްކަތް ކުރިން، ވަޓްސްއެޕް އިން މެސެޖު ކުރިން ސްކްރީންޝޮޓް ފޮނުވިން އެއާއެއްކޮށް މީ މިގޮތަށް އައިއްސަ އިން ރީޒަން އަޅުގަނޑަށް ބުނެލަދޭށެ
ދުވާފަރު ކައުންސިލް ގެ ނައިބު ރައީސް އިޒްމީލް އަހުމަދު

އިޒްމީލް ވިދާޅުވީ ޕީއެންސީ އިން އެގޮތަށް ކަންތައް ކުރުމުން މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ނިކުންނާނީ ވަރަށް ގަދަކޮށް ކަމަށެވެ. އަދި މިނިވަން ކެނޑިޑޭޓެއް ގެ ގޮތުގައި ކުރިމަތިލާން ނިންމީ ދުވާފަރު ގެ ޕީއެންސީ މެންބަރުންގެ ތެރެއިން ގިނަ ބައެއްގެ ވެސް އެދުމުގެ މަތިން ކަމަށް އިޒްމީލް ވިދާޅުވި އެވެ.

އޭގެ އިތުރުން އިޒްމީލް ވިދާޅުވީ، އިޒްމީލް ގެ އިތުރުން ވެސް މިހާރުގެ ޑަބްލިއު ޑީސީ ގެ ރައީސާ ގެ ފޯމް ވެސް ރިޖެކްޓް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ ޖާގަތަށް ފުރާފައި ހުރީ ޕީއެންސީ ފަޅިން ކުރިމަތިލާނެ މީހުން ނުވެގެން މި ދައުރުގައި ނާކާމިޔާބު ވެފަ ތިބި މީހުން ލައިގެން ކަމަށް އިޒްމީލް ވިދާޅުވި އެވެ. 

ފާހަގަ ކޮށްލެވޭ ގޮތުގައި އެކި ދާއިރާތަކު ގެ ރަށްތަކުން ޕީއެންސީ ކެނޑިޑޭޓުން ގެ ފޯމް ވަނީ ސަބަބު ނާންގާ ރިޖެކްޓް ކޮށްފަ އެވެ. އެގޮތުން ފައިނު ކައުންސިލް ގެ ރައީސް އަހުމަދު ރިޝްފާން ގެ ފޯމް ވެސް ވަނީ ސަބަބު ނާންގާ ރިޖެކްޓް ކޮށްފަ އެވެ. ރާއްޖެ އެމްވީ އަށް މައުލުމާތު ހިއްސާ ކުރަމުން ރިޝްފާން ވިދާޅުވީ، ޝަކުވާ ހުސަހަޅާފައިވާނެ ކަމަށާއި އަދި ސަބަބު ބަޔާންކޮށްދޭން ވެސް އެދިފައިވާނެ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ރިޖެކްޓް ކުރި ސަބަބު ނާންގާ ކަމަށެވެ. އަދި ޕީއެންސީ ކެނޑިޑޭޓެއް ގެ ގޮތުގައި ކުރިމަތި ނުލެވޭ ނަމަ އަމިއްލަ ގޮތުން ކުރިމަތި ލުމުގެ ވިސްނުން ހުރި ކަމަށް ރިޝްފާން ވިދާޅުވި އެވެ.