ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަން އާ އެކު ބޭއްވި ބައްދަލުވުމުގައި ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފި އެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެސޯސިއޭޝަުން ފާހަގަ ކުރި ގޮތުގައި ރައީސް މުއިއްޒު އާ ބައްދަލު ކުރަން ޖެހުނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅާ ކަންކަމުގައި ސިޓީ ތަކަށް ޖަވާބު ނުދިނުމާއި، ކަންކަން ހައްލު ނުވާތީ ކަމަށް ފާހަގަ ކުރިއެވެ.

ޓެކްސީގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާއި، މި ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުވުމުގައި އެސޯސިއޭޝަނުން ހުށަހެޅި ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސެމަށް ކުރެވިދާނެ ކަންކަމާއި، މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތައް ހިމެނެއެވެ. މީގެ އިތުރުން ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭގޮތުނޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކުރިއެވެ. އަދި، ޓެކްސީ ޑްރައިވަރުންގެ ދަފްތަރު ބަންދުކޮށްފައި އޮންނާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާހަގަ ކުރިއެވެ.

މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންގެ ކަންކަން ރަނގަޅުކުރެއްވުމަށްޓަކައި ޑްރައިވަރުންގެ ދަފްތަރުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާގޮތަށް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ފާހަގަކުރެއްވި ކަންތައްތައް ޙައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ފަށާ ޓެކްސީ ފްލީޓް އާ ބެހޭ ގޮތުން މުއިއްޒު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީ އާ މަޝްވަރާ ކުރުމަށް ފަހު ގެނެވޭނެ ބަދަލުތައް ބައްލަވާނެ ކަމަށެވެ.

ވެހިކަލް ރެޖިސްޓްރީ ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާ މަޝްވަރާ ކޮށްގެން މިހާރުން މިހާރަށް ހައްލު ކުރެވިދާނެ ކަންކަން ބައްލަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ބައްދަލުވުމަށް ފަހު މި ނޫހަށް މައުލޫމާތު ދެއްވަމުން ޑްރައިވަރސް އެސޯސިއޭޝަންގެ ރައީސް އިބްރާހީމް ނިޔާޒު ވިދާޅުވީ، ވަރަށް ގިނަ ދުވަސްވީ ކަންބޮޑުވުން ތަކެއް މަޝްވަރާ ނުކުރެވި، ހައްލުނުވެ ހުރި ކަންތައްތަކެއް ރައީސް މުއިއްޒު އާ ހިއްސާ ކުރެވުނު ކަމަށާއި، ރައީސް ވިދާޅުވި ގޮތަށް ކަންކަން އަވަސް ފުރުސަތެއްގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އަންގާރަ ދުވަހު ބޭއްވުނު ބައްދަލުވުމަކީ ހުސްވި އަހަރު އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ރައީސް އޮފީހަށް ރައީސް މުއިއްޒު އާ ބައްދަލު ކުރަން އެދި ޑްރައިވަރސް އެސޯސިއޭޝަނުން ހުށަހެޅި ހުށަހެޅުމަށް ހަމަ ޖެހުނު ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.