ހުޅުމާލެ ފޭސް 3 ހިއްކާ އިރު ކުނި އަޅައިގެން ނުހިއްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިި ނަމަވެސް އެ ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި މުޅި ސަރަހައްދަށް ކުނިތައް ފެތުރިގެންދާ މަންޒަރުތައް ރާއްޖެޓީވީ އަށް ލިބިއްޖެ އެވެ. 

އަންގާރަ ދުވަހުު އެ ސަރަހައްދުން މަންޒަރު ދުށް ފަރާތަކުން މި ނޫހަށް ކިޔައިދިން ގޮތުގައި ލޮރީގައި ގެންގޮސް ހިއްކާ ސަރަހައްދަށް އަޅާ ތަކެތީގެ ތެރޭގައި ކުނި ހިމެނޭ ކަމަށާއި އެ ސަރަހައްދުގެ މޫދުގައި ވެސް ކުނިތައް ފެތުރިފައިވާ ކަމަށެވެ.

ކުނި އަޅާ ވީޑިއޯ އާއި ކުނިތައް ފެތުރިގެންދާ ވީޑިއޯ ވެސް ރާއްޖެޓީވީ އަށް ލިބިފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ހުޅުމާލޭގެ ފޭސް އެކެއްގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ކުނި ނާޅާނެ ކަމަށް ވިދާޅުވެ އެކަން ވަރަށް ބޮޑަށް ދޮގު ކުރައްވާފަ އެވެ. މުއިއްޒު ވިދާޅުވީ ބިން ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށެވެ.

އާދެ، މިތަނުގައި ފާހަގަކުރެވުނު ބައެއް ކަންކަމަށް ބަލާއިރުގައި، ބިން ހިއްކުމާ ގުޅޭގޮތުން ވަރަށް ޙަޤީޤަތާ ޚިލާފު ވާހަކަފުޅެއް ބޭފުޅަކަށް ވިދާޅުވެވުނު. ބިން ހިއްކަނީ ކުނިއަޅައިގެންނޭ. ނޫން. ކުނިއަޅައިގެނެއް ނޫން ހިއްކަނީ. ހަމަ ކެޓަގަރިކަލީ އަޅުގަނޑު ދަންނަވަން. ކުނިއަޅައިގެނެއް ނުހިއްކާނެކަން. 
ރައީސް މުއިއްޒު

މުއިއްޒު ވިދާޅުވީ މިހާރު މި ދިމާވެގެން އުޅޭ ކަމެއް ކަމަށް ލަފާކުރެވެނީ ފަރުކޮޅުފުށި ކައިރިން ހިއްކިއިރުގައި، އެތާހުރި ކުނިތައް ނެގުން ކަމަށާއި. ނަގާފައި އެތަނަށް އެޅީ ގައު ކުނޑި ކަމަށެވެ.

އެތަންކޮޅު ކައިރިއަށް ގާކުނޑިއެޅި. އަޅާފައި ދެން އޭގެ ދުރަށް ހަމަ ފުލް، އެހެންޏާވެސް ހިއްކާގޮތަށް ބިން ހިއްކަން ވެލިއަޅައިގެން ހިއްކާއިރު، އެހިސާބުގަނޑުގައި މަސައްކަތް ހިނގިއިރުގައި ފަހަރެއްގައި ހީފުޅުވެދާނެ، އެތަނަށް އެޅީ ކުންޏޭ. ކުނި އަޅައިގެންނެއް އެއްވެސް ތަނެއް ނުހިއްކާނެ. އެއީއެއް ސަރުކާރުން އެކަން ކުރާ ގޮތެއްނޫން. މިއީ، އިންޓަރނޭޝަނަލް ކޮންޓްރެކްޓްތައް މި ހުންނަނީ. އިންޓަރނޭޝަނަލް ކޮންޓްރެކްޓަރުންނަށް މަސައްކަތް ދެނީ. އީ.އައި.އޭ ހަދައިގެން ދެނީ. އެއްގޮތަކަށްވެސް އެކަހަލަ ކަމެއް އަޅުގަނޑުމެން ނުއެއްކުރާނަން. 
ރައީސް މުއިއްޒު

މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި ފަޅުތެރެއަށް ފެތުރިފައިވާ ކުނީގެ ތެރޭގައި ގަސްގަހާގެހީގެ ބައިތަކާއި، ޕްލާސްޓިކް ކޮތަޅާއި، ޓިނު ފަދަ ތަކެތި ހިމެނޭ ކަމަށެވެ.

ލޮރީތަކުގައި ގެނެސް ކުނި އެ ސަރަހައްދަށް އަޅާ މަންޒަރު އާންމުންގެ އިތުރުން ނޫސްވެރިންނަށް ވެސް ފެނިފައިވެ އެވެ.

މުޅި ސަރަހައްދު ބަންދުކޮށްގެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ނޫސްވެރިންގެ އިތުރުން މި ކަމުގައި ކަންބޮޑުވާ ފަރާތްތަކުން އެ ސަރަހައްދަށް އެކި ގޮތް ގޮތުން ވަދެ ފޮޓޯ އާއި ވީޑިއޯ ވަނީ ނަގާފަ އެވެ.

ކުނި މެނޭޖު ކުރުމާ ބެހޭ ގާނޫނާއި ގަވައިދުގެ ދަށުން ހުއްދަ ނެތް އެއްވެސް ތަނަކަށް ކުނި އެޅުމަކީ ކުށެކެވެ. ބިން ހިއްކުމުގެ ބޭނުމުގައި ވެސް ކުނި އެޅުމަކީ މަނާ ކަމެކެވެ.

ފަޅުތެރެއަށް ކުނި އެޅުމުގެ މައްސަލަތަކުގައި މީގެ ކުރިން އެކި ފަރާތްތައް ބޮޑެތި އަދަދުތަކުން ވަނީ ޖުރިމަނާ ކޮށްފަ އެވެ. އެ ގޮތުން މޫދަށް ކުނި އަޅައިގެން 2021 ވަނަ އަހަރު ވެމްކޯ ވެސް އޭރުގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން 1.1 މިލިއަން ރުފިޔާ އިން ޖުރިމަނާ ކުރިއެވެ.