ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ހުށަހެޅި މީހެއްގެ ފޯމު އެ ޕާޓީ އިން ރިޖެކްޓް ކޮށްފި އެވެ. 

ޕީއެންސީ އިން ރިޖެކްޓް ކޮށްފައިވަނީ އެ ރަށު އުމަރު މަހުމޫދް މުހައްމަދު ގެ ފޯމެވެ. އުމަރު ވަނީ މިކަން ހިނގި ގޮތް ވަރަށް ތަފްސީލުކޮށް ރާއްޖެއެމްވީ އާ ހިއްސާ ކޮށްފަ އެވެ. 

އުމަރު ބުނީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމު ހުށަހަޅަން ނިންމާފައި ވަނި ކޮށް ރައީސް އޮފީހުގެ މިނިސްޓަރެއް ހިމެނޭހެން ޕާޓީ ގެ އިސް ފަރާތްތަކެއް ބައްދަލު ކުރަން އެދުނު ކަމަށެވެ. އަދި ގުޅައި، މާލެ ގެނައުމަށް ފަހު ޕްރައިމަރީ އާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް އާއި، ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު (ހެރިންސް އައްޅޮ)ގެ އިތުރުން ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާ ގެ މެންބަރު އިބްރާހިމް ފަލާހު ބައްދަލު ކޮށްފައިވާ ކަމަށެވެ. 

މި ބައްދަލުވުމުގައި އެ މީހުން އެދުނީ  ޕްރައިމަރީ އަކަށް ނުގޮސް އެމީހުން ބޭނުންވާ މީހަކަށް ޓިކެޓު ދިނުމަށް ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާ، ޕްރައިމަރީގައި ވާދަކޮށް ޓިކެޓު ނަގައިގެން އެ ގޮނޑި ޕާޓީ އަށް ކާމިޔާބު ކޮށްދެވޭ މިންވަރަށް އުމަރަށް ތާއީދު އޮތް ކަން ހާމަ ކޮށްދިން ކަމަށް ވެސް އުމަރު ބުންޏެވެ. 

ނަމަވެސް ޕާޓީގެ ފަރާތުން ބައްދަލުކުރި ބޭފުޅުން އެ އަޑު ނޭހި ކަމަށާ ޕްރައިމަރީ ބާއްވައިފި ނަމަ، މަސްލަހަތު ގެއްލޭނެ ކަމަށް ބުނެ ޕްރައިމަރީ ގައި ވާދަ ނުކުރުމަށް ތަކުރާރު ކޮށް ބުނި ކަމަށް ވެސް އުމަރު ކިޔައިދިނެވެ. 

އުމަރު ބުނީ އެ ގޮތް އިންސާފު ވެރި ނޫން ކަމަށް އޭނާ ބުނެފައި ވާނެ ކަމަށެވެ. އަދި ޕްރައިމަރީ ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަން ހާމަ ކުރި ކަމަށް ވެސް އޭނާ ކިޔައިދިނެވެ. 

މި މައްސަލައާ ގުޅިގެން އުމަރު ގެ އިތުރުން އޭނާ އަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ވެސް ބައްދަލު ކޮށްފަ އެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ދެއްވި ޔަގީންކަމަކީ ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުނި ކަމުގައި ވީނަމަވެސް ޕްރައިމަރީ އޮންނާނެ ކަމަށެވެ.

އުމަރު ބުނީ އެ ފޯމު ޕީއެންސީ އިން ރިޖެކްޓް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ޕޯޓަލް އިން ފެންނަ ކަމަށް ވެސް އޭނާ ކިޔައިދިނެވެ. 

ފޯމު ރިޖެކްޓް ކޮށް ޕީއެންސީ އިން އުމަރަށް ފޮނުވި މެސެޖުގައި ބުނީ އެ ފޯމު ޕީއެންސީގެ އިންތިޚާބު ކޮމިޓީ އިން ރިވިއު ކޮށްފައިވާ ކަމަށެވެ. އަދި ކޮމިޓީ އިން ބެލި ބެލުމުން ޕްރައިމަރީ ގައި ވާދަ ކުރުމުގެ ޝަރުތު އުމަރުގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށާއި އެހެން ކަމުން ފޯމު ރިޖެކްޓް ކޮށްފައިވާ ކަމަށް އެ ޕާޓީ އިން އޭނާ އަށް ފޮނުވި މެސެޖުގައި ވެ އެވެ. 

މި ނޫނަސް ބޭ އިންސާފުން ޕީއެންސީ ގެ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުވާލަމުންދާ އެތައް ބައެއްގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ.