އަނެއްކާ ވެސް ސިއްހަތަށް ނުރައްކާވާ މިންވަރަށް ހޭޒް ނުވަތަ ދުންފުހުގެ އަސަރުކޮށް،  އާންމު ސިއްހަތަށްވާ ގެއްލުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައި ނުސާފުވެފައިވާ ކަމަށާ އެގަޑިތަކުގައި ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުން ބޭރަށް ނިކުމެ އުޅޭއިރު ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން ވައި ނުސާފު މިންވަރު އިތުރުވާ ގަޑިތަކުގައި ހުރިހާ ފަރާތްތަކުން ވެސް މާސްކް ބޭނުން ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މި ވަގުތުތަކުގައި ގެތަކަށް އަސަރު ނުކުރާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި އެއަރ ޕިއުރިފަޔަރ ފަދަ އެއްޗެހި ބޭނުން ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވުމުން އެކަމަށް ސަމާލުވުމަށް އެ އޭޖެންސީ އިން ވަނީ މީގެ ކުރިން ވެސް އިލްތިމާސް ކޮށްފަ އެވެ. އެގޮތުން ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި ނުވަތަ އެލާޖީގެ މައްސަލަތައް ހުންނަ މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އިލްތިމާށް ކޮށްފައި ވެ އެވެ. އަދި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން ވެސް އެ ވަގުތުތަކުގައި ބޭރުގައި އުޅޭ މިންވަރު މަދު ކުރުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރި އެވެ. 

އެޗްޕީއޭ ގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވެސް ވަނީ މިކަމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފަ އެވެ. ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެ އިދާރާ ގެ އޮފިޝަލަކު ވިދާޅުވީ އިރުވައި މޫސުން ފެށުމާއެކު ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ދުންފުހުގެ އަސަރު ކުރަމުންދާ ކަމަށެވެ.

ޚާއްސަކޮށް މެދުރާއްޖެތެރެ އަށް ދުންފުހުގެ އަސަރު ކުރަމުންދާ އިރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ރިކޯޑުތަކަށް ބަލާއިރު ދުންފުހުގެ އަސަރު ރާއްޖެއަށް އެންމެ ބޮޑަށް ކޮށްފައި ވަނީ މިދިއަ ހޯމަ ދުވަހު ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

އެ އިދާރާ އިން ބުނީ ކުރިއަށް އޮތް 5 ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ރާއްޖެ ސަރަހައްދުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 

މާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިންގ ސިސްޓަމުން ދައްކާ ގޮތުން ވައިގެ ކޮލިޓީ ހުރީ 136 ގަ އެވެ. ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިންގ ސިސްޓަމުން ދައްކާ ގޮތުން މި ވަގުތު ވެސް މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 177 ގަ އެވެ. އެއީ ސިއްހަތަށް ނުރަނގަޅު ރަތް ކުލައިގެ މިންގަނޑެވެ.

މާލެ ސަރަހައްދުގެ އިތުރުން ދެން އެންމެ އެއަރ ކޮލިޓީ ދަށް ދ. އަތޮޅު އަތޮޅު ކުޑަހުވަދޫ ގައި ހުންނަ ސިސްޓަމުން ދައްކާ ގޮތުން މި ވަގުތު ވެސް އެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 172 ގަ އެވެ.