ތ. ހިރިލަންދޫ ކައުންސިލް އިން ޒަމާނީ ފެންވަރަށް ތަރައްގީ ކޮޮށްފައިވާ "ހިރިވެލި ބީޗް" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯމަ ދުވަހު ހަވީރު ހުޅުވައި ދެއްވައިފި އެވެ.

ހިރިލަންދޫ ކައުންސިލް އިން ހަރަދު ކޮށްގެން ތަރައްގީ ކޮށްފައި ވާ މި ބީޗު ގެ މަސައްކަތް ނިންމަން ހޭދަވީ 3 މަސް ދުވަހެވެ. މި ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތުގައި ހިރިލަންދޫ ކައުންސިލް ގެ މުވައްޒަފުން ގެ އިތުރުން، ރަށުގެ ރައްޔިތުން ބައިވެރިވެފައިވެ އެވެ.


"ހިރިވެލި ބީޗް" ހުލުވުމުގެ ރަސްމިއްޔާތު ގައި ހިރިލަންދޫ ގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ
ގިނ ވަސީލަތް ތަކާ އެކު ޒަމާނީ ފެންވަރަށް ހިރިލަންދޫ ކައުންސިލުން ތަރައްގީ ކޮށްފައިވާ މި ބީޗު ހުޅުވުމަށް ބޭއްވި ހަފްލާ ގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު މެދުވެރިކޮށް އެމްޑީޕީ ސަރުކާރުން ރަށްރަށުގެ ކައުންސިލްތަކަށް ފަހިކޮށްދިން ފުރުސަތު ތަކުން ރައްޔިތުންނަށް ފައިދާ ވާ މިފަދަ ކިތަންމެ ކަމެއް ކައުންސިލްތަކަށް ކުރެވޭނެ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަނީ، ގާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނެސްގެން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ކައުންސިލްތަކުގެ ބާރު ތައް ހަނިކޮށްގެން ދިވެހި ރައްޔިތުން މި އެދޭ ތަރައްގީ ނުގެނެވޭނެކަމަށް ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ.


"ހިރިވެލި ބީޗް" ހުޅުވުމުގެ ރަސްމިއްޔާތު ގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ
ރައީސް ސޯލިހް ގެ ވާހަކަފުޅުގައި ވަނީ މި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުންނަން ބޭނުންވި ކިތަންމެ ބަޔަކު ނުކުތަ ނުދިނުމަށް ސަރުކާރުން އެކި ގޮަތްގޮތަށް ނުފޫޒު ފޯރުވުމުން ވެސް، ހިރިލަންދޫ ގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު މަށްޗަށް ނިކުމެ އެމަނިކުފާނަށް ދެންނެވި ފުރިހަމަ މަރުހަބާ އަށް ޝުކުރު އަދާކުރައްވާފަ އެވެ.

ހަފްލާ ގައި ވާހަކަ ދައްކަވަމުން ހިރިލަންދޫ ކައުންސިލް ގެ ރައީސް މުހައްމަދު ޖަލާލް ވިދާޅުވީ ހިރިވެލި ބީޗް ތަރައްގީ ކުރަން ނިންމީ، ހިރިލަންދޫ ކައިރީ ހިއްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލަން ދަތުރު ދާނެ ފަޅު ރަށެއް ނެތުމުގެ ސަބަބުން ރަށު ގެ އެންމެހާ ރައްޔިތުންނަށް އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލާނެ ވަސީލަތްތަތް ފުރިހަމަ ތަނެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި މި މަސައްކަތް މިހާ ފުރިހަމަ އަށް ނިންމާލުމުގައި ރަށު ރައްޔިތުން ދެއްވި އެއްބާރުލުމަށް ޖަލާލް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ހުޅުވި ފުރަތަމަ ދުވަހު ވެސް ގިނަ އަދަދެއްގެ ރައްޔތިން ވަނީ އާއިލާ އާ އެކު ހިތްފަސޭހަ ވަގުތުކޮޅެއް "ހިރިވެލި ބީޗު" ގައި ހޭދަކޮށްފަ
ހިރިވެލި ބީޗު ގައި ނަމާދު ކުރުމަށް ހާއްސަ ތަނެއް ހަދާފައިވެ އެވެ. އަދި ގިނަ ބަޔަކަށް އެއްފަހަރާ ބާބަކިއު ހެދުމުގެ އިންތިޒާމު ބީޗު ގައި ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އެ ސަރަހައްދު މޫދުގައި ކުޑަކުދިން ގަޔާވާފަދަ ވަރަށް ފުރިހަމަ ވޯޓަރ ޕާކެއް މޫދު ގައި ގާއިމްކޮށްފައިވެ އެވެ.

"ހިރިވެލި ބީޗު" ގައި ވަނީ ނަމާދު ކުރުމަށް ވެސް ހާއްސަ ތަނެއް ހަދާފަ
ހިރިވެލި ބީޗު ހުޅުވައިގެން ފުރަތަމަ ދުވަހު ވެސް ކުޑަކުދިން ހިމެނޭ ހެން، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހިތްފަސޭހަ ވަގުތުކޮޅެއް އެ ސަރަހައްދުގައި ހޭދަ ކޮށްފަ އެވެ.