ހދ. ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫ ގައި ތިއްބާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަށުގެ ކައުންސިލް އުވާލާ، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލް އަށް ވޯޓުލައްވަން އުޅޭ މައްސަލައިގައި މެމްބަރު އަބްދުލް ގަފޫރު މޫސާ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވާ، ރައްޔިތުންގެ މަޖިލީހުގައި ހިރިމަރަދޫ ތަމްސީލު ކުރައްވާ މެމްބަރު އަދި އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ ވަނީ އެކްސް ގައި ޕޯސްޓެއް ކުރައްވާފަ އެވެ.

ގަފޫރު ވިދާޅުވީ، "ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުނުކޮށް، އެބޭފުޅުން ހިރިމަރަދޫގައި ދިރިއުޅެމުން ދަނިކޮށް އެރަށުގެ ކައުންސިލް އުވާލިކަމަށް ކަޑައަޅާ، އެރަށްޔިތުން ހަނިމާދޫ ރައްޔިތުންގެގޮތުގާ ވޯޓުލާން ނިންމާ ނިންމުމަކީ ޤާނޫނުއަސާސީއާއި، ލާމަރުކަޒީގާނޫނާއި ކަޑައެޅިގެން ހިލާފުކަމެއް،" ކަމަށެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ގަފޫރުު ވިދާޅުވީ، މި ވާހަކަ މި ގޮތަށް ރަށުގެ ރައްޔިތުންނާ ހަމަ އަށް ވެސް ގޮސްފައިވާ ކަމަށާއި އެއާއެކު ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުން އޭނާ އާ ހަމަ އަށް ވެސް ގެނެސްފައިވާ ކަމަށެވެ.

"ސަރުކާރުން މި ގޮތައް ރައްޔިތުންނާ ހަމަ އަށް މައުލޫމާތު ދިނުމުން ރައްޔިތުންގެ ތެރޭގައި ކަންބޮޑު އުފެދޭނީ،" ގަފޫރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ގޮތަށް އެކަން ކުރުމަކީ ހިރިމަރަދޫ ރައްޔިތުން ވެސް އަދި އޭނާ ވެސް އެއް ގޮތަކަށް ވެސް ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމުގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދާއިރާތައް ކަނޑައެޅުމާ ބެހޭ ދާއިމީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނުން 21 ޑިސެމްބަރު 2025 ގައި ނެރުނު އިރު ހދ. ހިރިމަރަދޫ އަކީ އިންތިޚާބީ ދާއިރާ އެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި އެރަށަށް ކައުންސިލަށް 3 މެމްބަރުންނާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް 3 މެމްބަރުން ހޮވަން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

މި އަހަރުގެ އޯގަސްޓް މަހު 24 ވަނަ ދުވަހު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުވާން އަދި ދޮޅު އަހަރު ހޭދަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ދޮޅުއަހަރުގެ ތެރޭގައިވެސް ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ފަހިކޮށްދީ ރައްޔިތުން ބޭނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.