މާލޭ އަތޮޅު ފިހާރަތައް ހުރި ސަރަހައްދުގެ މަގުމަތީގައި ހުރި ދުވަސްވީ ހިޔާދޭ ގަސްތައް ކަނޑާލުމުން ތިމާވެއްޓަށް މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ ބްލޫޕީސް އިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

އެ ޖަމްއިއްޔާ އިން އެކްސް ގައި ކުރި ޕޯސްޓެއް ގައި ބުނީ ގަސްތައް ކަނޑާ ބިމާ ހަމަކޮށްލާފައިވާ މަންޒަރީ "ހިތާމަވެރި، ހިތްދަތި" މަންޒަރެއް ކަމަށެވެ.

އަތޮޅު ފިހާރަތައް ސަރަހައްދުން އަމީނީ މަގު ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ބްލޫޕީސް އިން ބުނީ ގަސްތައް ކަނޑާލުމަކީ މަގުހެދުމާ ބެހޭ ކަމެއް ނޫން ކަމުގައެވެ.

ބްލޫޕީސް އިން ބުނީ ގަސްތައް ބަހައްޓާފައި ވެސް ހާބަރާ ދިމާލުން މަގު ފުޅާ ކުރެވުނީސް ކަމަށެވެ.

އޭގެ އިތުރުން ގަސްތައް ކޮށާ ތިރިކޮށްލުމުގެ ބަދަލު ގައި މާލޭގެ އެހެން ބިމަކަށް ގަސްތައް ބަދަލު ކުރެވުނީސް ކަމަށް ވެސް ބްލޫޕީސް އިން ބުނެފައިވެ އެވެ.

އަތޮޅުފިހާރަތައް ކައިރީގައި މަގުމަތީގައި ހުރި ގަސްތައް ކަނޑާލުމުން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

މިކަން މިހެން ހިނގާފައިވާއިރު، ހުސްވި ނޮވެމްބަރު މަހުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަސް ކަނޑާލުމަށް ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައެވެ.

މި ދެ ގަހުގެ ތެރެއިން އެއްގަސް ހުރީ ވިލިމާލޭ ފުލުހުންގެ ސްޓޭޝަން ކައިރީގައެވެ. އަނެއް ގަސް ހުރީ ވޯޓާ ސްޕޯޓްސް ބީޗް ސަރަހައްދުގައެވެ. މި ބިޔަ ދެ ގަސް ކަނޑާލަން ނިންމީ ގިނަ ދުވަސްތަކެއް ވަންދެން އާންމުން ޝަކުވާ ކުރާތީ ކަމަށް ބުނެއެވެ.

ވިލިމާލޭ ރައްޔިތުންނާ އެކު މުއިއްޒު ބޭއްވެވި ބައްދަލުވުމެއްގައި، ބައިވެރިޔަކު ވަނީ އަތިރިމަތީގައި ހުރި ނިކަގަހާ ބެހޭ ގޮތުން ޝަކުވާ ކޮށްފައެވެ. އެކަމަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވަނީ ކުރިން ތައްޔާރުވުމެއް ނެތި އަތް ނަގައިގެން ވޯޓަށް އައްސަވާފަ އެވެ. ބައްދަލުވުމުގައި ތިބި ގިނަ ބަޔަކު ގަސްތައް ނެގުމަށް ތާއީދުކުރުމުން، މުއިއްޒު ވިދާޅުވީ: "އެހެންކަމުން، މިއީ ގާތްގަނޑަކަށް އެންމެން އެއްބަސްވެގެން ނިންމި ނިންމުމެއް،" ކަމަށާއި އަދި އެކަން އެގޮތައް ކުރައްވާނެ ކަމަށެވެ.

މި ނިންމުމާ އެކު އާންމުގެ އެތައް ބަޔަކާ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.