ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މި ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަން ގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްގެންނެވެ. 

މި އޮޕަރޭޝަންގައި ބަލައި ފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖް އާއި ދެ ކާޓޫން ސިނގިރެޓްގެ އިތުރުން ޝީޝާ ޕަފް އާއި ވޭޕްއާ ގުޅުން ހުރި އެހެނިހެން ތަކެތި ފެނިފައިވެ އެވެ.

މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާއިރު، މިއްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފައިވެ އެވެ. ނަމަވެސް ޖޫރިމަނާ ކުރި އަދަދެއް އަދި އަދި މިއީ ކޮން ބައެއްކަން ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ. 

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު ފުލުހުން ހިންގި  އޮޕަރޭޝަނުގައި ބަލައި ފާސްކުރިި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވެ އެވެ. އަދި ބަލައި ފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ކާޓްްރިޖް ފެނިފައިވެ އެވެ. މީގެއިތުރުން މި މައްސަލައާ ގުޅިގެން ވޭޕް އާއި ވޭޕް ކާޓްރިޖް ވިއްކަމުންދިޔަ ފޭސް ބުކް ޕޭޖެއްވެސް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

އަދި ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެދެ ގެ ބަލައި ފާސްކުރި އެދެގޭގެ ތެރެއިން އެއް ގެއިން 190 ފްލޭވަރޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ފެނިފައިވެ އެވެ. އަދި އަނެއް ގެއިން 331 ފްލޭވަރޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ފެނިފައިވެ އެވެ. އެދެގެއިން ޖުމްލަ 544 އައިޓަމެއް ފެނިފައިވެ އެވެ.

ޑިސެމްބަރ 15، 2024 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭ ގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ގެންގުޅުން ވަނީ މަނާކޮށްފަ އެވެ. 

ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން  މަނާވެފައިވަނީ އީ-ސިނގިރޭޓާއި ވޭފްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުން ކުރުމެވެ.