ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތ. ހިރިލަންދޫ އަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ހިރިލަންދޫ ކައުންސިލް ގެ ޚާއްސަ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅު ގައި، ރައީސް ޞާލިޙް ފުރާވަޑައިގަތީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. 

މި ދަތުރުފުޅުގައި ހިރިލަންދޫ ކައުންސިލް އިން އެރަށުގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމާފައިވާ "ހިރިވެލި ބީޗް" ސަރަހައްދު ހުޅުވުމުގެ ހަފްލާ ރައީސް ޞާލިޙް ޝަރަފްވެރި ކޮށްދެއްވާނެ އެވެ.

ރައީސް ޞާލިޙް ގެ މި ދަތުރުފުޅުގައި ހިރިލަންދޫ ކައުންސިލް އަދި އެރަށު އެމްޑީޕީ ގެ މެންބަރުންނާ ވެސް  ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އެރަށު އިސްރަށްވެހިންނާއި މަސައްކަތްތެރިން ގެ ސައިޓްތަކަށް ރައީސް ޞާލިޙް ޒިޔާރަތްކުރައްވާނެ އެވެ.

ރައީސް ޞާލިޙްގެ ވެރިކަމުގައި ހިރިލަންދޫ ގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފައްޓަވައި ނިންމަވާފައިވެ އެވެ. އެގޮތުން އެރަށުގެ ފެނާއި ނަރުދަމާ ޤާއިމުކުރުން، ފެނަކަ އައު އޮފީހެއް އިމާރާތްކުރުން، ހިރިލަންދޫ އައު އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ފެށުމާއި އިންޖީނުގެ އަށް 1000 ކިލޯވޯޓުގެ 2 ޖެނެރޭޓަރ ސެޓް ފޯރުކޮށްދިނުން، ސޯލާ ޕީވީ ނިޒާމު ގާއިމުކުރުން ހިމެނެ އެވެ.

ކުޑަކުދިންނަށް ހިތްގައިމު ޕާކަކާއި ޒުވާނުންނަށް ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ހިރިލަންދޫ ގައި ރައީސް ޞާލިޙް ގެ ވެރިކަމުގައި ތަރައްގީ ކޮށްދީފައިވެ އެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހިރިލަންދޫ ގައި އައުޓްޑޯރ ޖިމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

މަސްވެރިކަން ފުޅާ ދާއިރާއެއް ގައި ކުރާ، ހިރިލަންދޫ ހުޅަނގު ދެކުނުން 15 މޭލު ބޭރުގައި އެމްޑީޕީ ސަރުކާރުން ވަނީ އޮއިވާލި ކަނދުފައްޗެއް އަޅާފަ އެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ގެ ވެރިކަމުގައި ހިރިލަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައި ގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މަލްޓި ޕާޕަސް ހޯލަކާ އެކު 8 ކްލާސްރޫމް ހިމެނޭ 3 ބުރީގެ އިމާރާތުގެ މަސައްކަތް ވަނީ ފެށިފަ އެވެ. ނަމަވެސް ވެރިކަން ބަދަލުވުމާ އެކު މި މަޝްރޫއު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.

ހިރިލަންދޫ ގައި ރައީސް ޞާލިޙްގެ ސަރުކާރުން ކުރެއްވި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެރަށު ރައްޔިތުން ފާހަގަކުރާ ކަމަކީ ރަށުގެ ބިން ހިއްކުމެވެ. އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރު ފެއްޓެވި މި މަސައްކަތުގެ ބޮޑު ބައެއް ވެރިކަން ބަދަލުވި އިރު ވަނީ ނިމިފަ އެވެ.

ރައީސް ޞާލިޙް ވަޑައިގެން ބޮޑު ހަފްލާއެއް ބާއްވާ ރިބަން ނުކެނޑިޔަސް އެމަނިކުފާނުގެ ވެރިކަމުގައި ހިރިލަންދޫ ގައި ވަނީ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވާފަ އެވެ.

ހިރިލަންދޫ އަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު، ރައީސް ޞާލިޙް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހަވީރުގައި ކަމަށް މައުލޫމާތު ލިބެ އެވެ.