ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާ ޕެންޝަން ފަންޑަށް ޖަމާ ނުވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް އެތަނުގެ މުވައްޒަފަކު ބުނެފި އެވެ.

ރައީސް މުއިއްޒު ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ އެކު އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކުންފުނީގެ މުވައްޒަފަކު ބުނީ ވެމްކޯ އިން މުސާރަ އިން ޕެންޝަނަށް ފައިސާ ކަނޑާ ކަމަށާއި އެހެން ނަމަވެސް އެ ފައިސާ ފަންޑަށް ޖަމާ ނުވާ ކަމަށެވެ.

އޭގެ އިތުރުން އޭނާ ފާހަގަ ކުރި ގޮތުގައި ކުނީގެ މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރަނީ އެއްވެސް ރައްކައުތެރި ކަމެއް ނެތި ކަމަށެވެ.

މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންގެ ޕެންޝަނަށް ކަނޑާ ފައިސާ ގަވައިދުން ފަންޑަށް ޖަމާ ނުވާ ކަމުގެ މައްސަލަ ފެންމަތިވެފައިވެ އެވެ.