ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން ނެރެފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1ން 20ށް 135,280 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި އެވެ.

މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 10.8 އިންސައްތައިގެ ކުރިއެރުމެކެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 122,064 ފަތުރުވެރިންނެވެ. މި މުއްދަތުގެ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6,764 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. 

ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް، މި އަހަރު ރާއްޖެ އަށް ޖުމްލަ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 2,157,341ށް އަރާފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 1,959,699 ފަތުރުވެރިންނާ އަޅާ ބަލާއިރު، ފާހަގަ ކުރެވޭ އިތުރުވުމެކެވެ. 

ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ މާކެޓަކީ ޗައިނާ އެވެ. ޗައިނާ އިން 325,544 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ރަޝިޔާ އިން 267,341 ފަތުރުވެރިން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 194,931 ފަތުރުވެރިން އައިސް ތިންވަނައިގައި އެ ގައުމު ވަނީ ހިމެނިފަ އެވެ. ޖަރުމަނާއި އިޓަލީ އަކީ އެންމެ ގިނަ ފަތުރުވެރިން އައި ފަސް މާކެޓުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. 

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނަށް ބަލާއިރު، މި އަހަރު މިހާތަނަށް ރާއްޖެ އަށް އައިސްފައިވާ ފަތުރުވެރިންގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ ފަތުރުވެރިން ބޭނުންކޮށްފައި ވަނީ ރިސޯޓުތަކެވެ. ގެސްޓްހައުސްތަކުން މި މުއްދަތުގައި ގާތްގަނޑަކަށް ފަތުރުވެރިންގެ ފަސްބައިކުޅަ އެއްބަޔަށްވުރެ ތަންކޮޅެއް އިތުރު ހިއްސާއެއް ހޯދާފައިވެއެވެ. ހޮޓާ ސަފާރީ އުޅަނދުފަހަރުގެ ހިއްސާ ކުޑަކަން ފާހަގަ ކުރެވެއެވެ.