ޤައުމެއް ކުރިއަރައި ދިޔުމަށް އެ ޤައުމެއްގެ ބަޔަކީ އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ، ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމު ގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ  ދިވެހި ޤައުމަށް  ޢިލްމީ، އަދަބީ، އަޚުލާޤީ އަދި ސަގާފީ އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. ޤައުމެއް ކުރިއަރައި ދިޔުމުގައި އެ ބައެއްގެ ސަގާފަތަކީ ވެސް އިސްލާހު ކުރަން ޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

" ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ، ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު. މި ދެ ފަންނު އުފެދެނީ ސަގާފަތާއި ތަރިކައިގެ ތެރެއިން. އެހެންވީމާ، ޤައުމެއް ކުރިއަރައި ދިޔުމުގައި އެ ބައެއްގެ ސަގާފަތް އިސްލާހުވާން ޖެހޭ. އެ ބައެއްގެ ތަރިކަތަކަށް އިޙްތިރާމުކުރެވެން ޖެހޭނެ. އެއާއެކު އެ ބައެއްގެ ފިކުރާއި ޚިޔާލުތައް ފުންވެ އުފެއްދުންތެރި، އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހޭ. އޭރުން އަޅުގަނޑުމެންނަށް ހާސިލުވާނީ ހަމަޖެހުން، ތަރައްޤީ، އަދި ރައްކާތެރިކަން." މުއިއްޒު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ޤައުމެއްގެ ހައިސިއްޔަތުން އަދަބިއްޔާތަށް ދޭން ޖެހޭ އަހައްމިއްޔަތުކަމަށް އަލި އަޅުވާލާފަ އެވެ. އެގޮތުން، ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

ދިވެހި ތަރިކައިގެ ދާއިރާ ވަކި އެއް ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ހަމަ އެހެންމެ އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާ އެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ، ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށް ރައީސް ވިދާޅުވި އެވެ.