ރައްްޔިތުންގެ އެތައް ޝަކުވާ އެއް އަމާޒުވެފައިވާ އަދި ޚިދުމަތް ދިނުމުގައި އަދަބުވެސް ރައްޔިތުންގެ އެތައް ޝަކުވާ އެއް ކުރިމަތިވަމުންދާ، މިނިސްޓްރީ އޮފް ޓްރާންޕޯޓް އެންޑް ސިވިލް އެވިއޭޝަން އިން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ. 

އެ މިނިސްޓްރީން އާދިއްްތަ ދުވަހު އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ގައި ބުނެފައިވަނީ  އާންމު ރައްޔިތުންގެ ޚިޔާލުތަކާއި ހުށަހެޅުންތަކަކީ އެ މިނިސްޓްރީގެ މަސައްކަތަށް ވަރަށް ބޮޑު އަސަރެއް ފޯރުކޮށްދޭ އަދި އަގުހުރި މައުލޫމާތެއް ކަމަށާއި މި މިނިސްޓްރީން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި، ރައްޔިތުންގެ ޝުޢޫރުތަކާއި ވިސްނުންތައް ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ. 

މި ސަރުކާރުގެ މިނިސްޓްރީ ތަކުގެ ތެރެއިން ރައްޔިތުންގެ އެންމެ ޝަކުވާތައް އަމާޒުވާ މިނިސްޓްރީ އަކީ ޓްރާންސްޕޯޓް މިނިސްޓްރީ އެވެ. ވަކިން ހާއްސަކޮށް ޓެކްސީ ޓްރައިވަރުންގެ ގިނަ ކަންބޮޑުވުންތަކެއް ތަފާތު އެކި ފަހަރު މަތިން މިނިސްޓަރ މުހައްމަދު އަމީން އަށް ހިއްސާކޮށް ހައްލެއް ގެނެސްދެވިފަ އެއް ނުވެ އެވެ. 

ސަރުކާރުގެ ޓެކްސީ ފްލީޓެއް ތައާރަފް ކޮށް އެ މަސައްކަތް ކުރާތީ ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތޮން މިހާތަނަށް ސަރުކާރުން ހައްލެއް ހޯދާފައި ނުވާ އިރު އެ ކަންބޮޑުވުންތަކަށް މިނިސްޓްރީން ވެސް އެކަށީގެންވާ ސަމާލުކަމެއް ދީފައެއް ނުވެ އެވެ. 

ރައީސް މުއިއްޒު މާލޭގެ އަވަށް ތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަކިވަކިން ބާއްވަމުން އަންނަ ކޮންމެ ބައްދަލުވުމެއްގައި ޓެކްސީ ޑްރައިވަރުން ވަނީ ކަންބޮޑުވުން ހުށަހަޅާފަ އެވެ.

ރައީސް އަކީ ރައްޔިތުންގެ ފަޅީގައި ހުންނަވާ ބޭފުޅެއް ކަމަށް ވިދާޅުވި ނަމަވެސް ޓެކްސީ ޑްރައިވަރުންނާއި އެ ޑްރައިވަރުންގެ އާއިލާތައް ރައްޔިތުންގެ ފަޅިއަށް ނުވާތީ ހިތާމަކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި ގިނަ ޑްރައިވަރުން ވަނީ މިނިސްޓަރ އަމީންގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ.