ކ. ގުރައިދޫ ފަޅުން ހިފި ކިނބޫ ރާއްޖެ އަށް ނާދެވޭ ގޮތަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ގުރައިދޫ ގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން ހަ ފޫޓުގެ ކިނބުލެއް ހިފީ "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ. އެ ކިނބޫ އެމްއެންޑީއެފް ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މިހާރު ކުރަމުން ދަނީ އެ ކިނބުލަށް ރާއްޖެ ނާދެވޭ ގޮތަށް ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. 

މީގެ ކުރިން މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ކ. އަތޮޅު ގައި ހިންގާ ވަރު ބައި އެޓްމޮސްފިޔާ ރިސޯޓުން ކިނބުލެއް ފެނިގެން ރިޕޯޓުކޮށްފައިވެ އެވެ. 

އިރުވައި މޫސުމުގައި އޮޔާއި ވައި ހުންނަ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކިނބޫ ފެންނަމުންދެ އެވެ. 

މީގެ އަހަރުތަކެއް ކުރިން ރާއްޖެ އިން ފެނުނު ކިނބުލެއް ސިފައިންގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ބަގީޗާގައި ވެސް ގިނަ އަހަރުތަކެއް ވަންދެން ގެންގުޅުނެވެ.