ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންން ގަވައިދަށް ފެއްތުމުގެ ބޮޑު ޕްރޮގްރާމެއް ހިންގުމަށް ހަަމަ ޖައްސާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ކުރި އިއުލާނެއް ފައި ބުނީ "އޮޕަރޭޝަން ކުރަނގީ"ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް"، 2026 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން 2026 އޭޕްރީލް 02 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ބިދޭސީންނަށް ކަމަށް ވެސް ބުނެފައިވެ އެވެ. އެ ޝަރުތުތަކަކީ:

  • ވަރކް ޕަރމިޓްގެ މުއްދަތު ހަމަވެފައިވުން؛

  • އެއްވެސް ސަބަބަކާ ހުރެ ބްލެކްލިސްޓް ކޮށްފައިވާ ބިދޭސީ އެއް ކަމުގައި ނުވުން؛
  • ރާއްޖޭގައި މިވަގުތު ހުރި ބިދޭސީ އެއް ކަމުގައިވުން؛
  • ބިދޭސީ ފަރާތް ލީގަލައިޒް ކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވަރކް ޕަރމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށް ނުވުން؛
  • ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން؛
  • އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީ އެއް ކަމުގައި ނުވުން؛ އަދި
  •  2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީ އެއް ކަމުގައިވުމެވެ.

މިގޮތުން ވަޒީފާ ދޭނެ ފަރާތެއް ހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައި ޒްކުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށް ބުނެފައިވެ އެވެ. އަދި ލީގަލައިޒް ކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒަރ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓް ކުރާނެ ކަމަށް ވެސް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް 1485 ގުޅުމުން ނުވަތަ xpat@mohst.gov.mv އަށް އީމެއިލް ކުރުމުން މައުލޫމާތު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.