ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުރި 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ވަގަށް ނަގައި، ބައު ދަގަނޑު ގެ ގޮތުގައި އެންމެ 1،083 ރުފިޔާއަށް ވިއްކާލާފައި ވަނިކޮށް، ފުލުހުން އެ އިންޖީނު ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯ ގައި ބަހައްޓާފައި ހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާކަމަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލުހުން ގެ ޕެޓްރޯލް އެންޑް ރެސްޕޮންސް އާއި އިންވެސްޓިގޭޝަން ގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން ބުރާސްފަތި ދުވަހު ވަނީ ވަގަށް ނަގާފައިވާ އިންޖީނު ހޯދައިފަ އެވެ. މައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެންބަރު 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައި ފާސްކުރަނިކޮށް އިންޖީނު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ވަގަށް ނަގާފައިވާ މި އިންޖީނު ބައު ދަގަނޑު ގެ ގޮތުގައި ވިއްކާލާފައިވަނީ އެންމެ 1،083 ރުފިޔާ އަށެވެ. މި އިންޖީނު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާއިރު، މި މައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރާ މުދާތައް ގިނަ ފަހަރަށް ހޯދާއިރު، އެ ތަކެތި ނުއަގުގައި އެހެން ފަރާތްތަކަށް ވިއްކާލާފައި ހުންނަކަން ފުލުހުން ފާހަގަކުރި އެވެ.  މުދަލެއް ވިއްކި ފަރާތުގެ ފުރިހަމަ މައުލޫމާތު ސާފުކުރުމާއި، އެ ތަކެއްޗަކީ ވަގަށް ނަގައިގެން ވިއްކާ މުދަލެއް ނޫންކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.