ރައީސް މުހައްމަދު މުއިއްޒުގެ ޕާޓީ - ޕީއެންސީ އިން މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މާލޭ ގައި ބޭއްވި ޖަލްސާ އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެންނަން ކިތައް ފްލައިޓް ޗާޓަރު ކުރިތޯ ރާއްޖެ ޓީވީ އިން އެ ކުންފުނީގައި ސުވާލު ކުރުމުން "ވިޔަފާރީގެ ސިއްރެއް" ކަމަށް ބުނެ އެ މައުލޫމާތު ދޭން ދެކޮޅު ހަދައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް އަށް ހުށަހެޅި ސުވާލުތަކަކީ އެ ދުވަހު ޗާޓަރު ކޮށްގެން އޮޕަރޭޓް ކުރި ފްލައިޓުތަކުގެ އަދަދަކީ ކޮބައިތޯ އާއި، ޗާޓަރު ކުރީ ކޮން ބައެއްތޯ އާއި އަދި ޗާޓަރު ކުރި ފްލައިޓްތަކަށް ލިބެންޖެހޭ ފައިސާ ލިބިއްޖެ ތޯ އެވެ.

17 ނޮވެމްބަރު ގައި ހުށަހެޅި މި ސުވާލުތަކަށް 11 ޑިސެމްބަރުގައި ކުންފުނިން ދިން ޖަވާބުގައި ބުނެފައިވަނީ "އެދިފައިވާ މައުލޫމާތު ގައި ވިޔަފާރީގެ ސިއްރުތައް ހިމެނޭތީ، އެ މައުލޫމާތު ދޫކުރެވެން ނެތް،" ކަމުގައެވެ.

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އައިލެންޑް އޭވިއޭޝަނުން މި މޭރުމުން ޖަވާބުދީފައިވާ އިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ހިންގެވި ކެމްޕޭނުގައި އެމަނިކުފާނުގެ ސަރުކާރުގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް އޮތީ ވިދާޅުވެފަ އެވެ. 

އައިލެންޑް އޭވިއޭޝަން އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ފަސިންޖަރުން އުފުލައިގެން ކަމަށް ފާހަގަ ވެފައިވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑޮމެސްޓިކް ފަސިންޖަރުންގެ އަތުން ގާތްގަނޑަކަށް 345 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެން ނަމަވެސް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ވަނީ 46 މިލިއަން ރުފިޔާގެ ގެއްލުމެއްވެފަ އެވެ.