ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިޔަ ބިމެއްގައި ލަގްޒަރީ ހައުސިންގ މަޝްރޫއު އެއް ހިންގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ކުރި އިއުލާނާ އެކު، ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް އެޗްޑީސީ އަށް އަމާޒުވެއްޖެ އެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަމަށެވެ. މިއީ މިހާތަނަށް ހުޅުމާލެއިން ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގަން ދޫކުރާ އެންމެ ބޮޑު ބިމެވެ. 15 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭ އެ ސަރަހައްދުން އެ މަޝްރޫއު އަށް ދޫކުރަން ނިންމާފައި ވަނީ 125,387.81 އަކަފޫޓުގެ ބިމެކެވެ. އެ ބިމާއެކު އެ މަޝްރޫއު ހިންގާ ބަޔަކަށް ބޭނުންކުރެވޭ ޖުމުލަ ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަފޫޓެވެ. 

އެޗްޑީސީ އިން އިއުލާން ކުރި މި މަޝްރޫއުގައި މައިގަނޑު ގޮތެއްގައި ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތު އަމާޒުވާ އެއް ސަބަބަކީ  ބީލަން ހުށަހަޅަން ދީފައިވާ އާދަޔާ ހިލާފު ކުރު މުއްދަތެވެ. މި މަޝްރޫއަށް ބަލާއިރު، މިއީ ބިލިއަނުން އަގުކުރެވޭ، 15 ބުރީގެ އިމާރާތްތަކެއް ހިމެނޭ ބިޔަ މަޝްރޫއެކެވެ. ނަމަވެސް ބީލަން ހުށަހަޅަން ދީފައިވާ 6 ދުވަހުގެ މުއްދަތަކީ އާންމު އުސޫލާ މުޅިން ހިލާފު ކަމެކެވެ. މީގެ ކުރިން މިއަށްވުރެ މާ ކުދި މަޝްރޫއުތަކަށް ވެސް މިއަށްވުރެ ދިގު މުއްދަތު ދީފައި އެބަހުއްޓެވެ. އެހެން ނަމަވެސް އެޗްޑީސީ އިން ކުއްލިއަކަށް އިއުލާން ކުރި މި މަޝްރޫއުއަށް 6 ދުވަހުގެ މުއްދަތެއް ދީފައި ވުމުން ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. 

ބީލަން ހުށަހަޅަން ދީފައިވާ 6 ދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި ފަންނީ ދިރާސާތައް ހަދައި، ފައިނޭންޝަލް މޮޑެލްތައް ތައްޔާރުކޮށް ބިޑު ހުށަހެޅުމަށް ވަގުތު ނަގާނެ އެވެ. އެހެންކަމުން މިއީ މިކަމުގެ މައުލޫމާތު ކުރިން ލިބި، ހުރިހާ ލިޔެކިޔުމެއް ތައްޔާރު ކޮށްގެން ތިބި ވަކި ބަޔަކަށް މަގުފަހި ކޮށްދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރެވުމުގެ ފުރުސަތު ބޮޑެވެ. ހަ ދުވަހުގެ މުއްދަތަކީ ބިލިއަން ރުފިޔާގެ މަޝްރޫއަކަށް އިންސާފުވެރި މުއްދަތެއް ނޫނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ވެރިކަމުގައި، އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލި ކަމުގެ ތުހުމަތު ދާދިފަހުން އެޗްޑީސީ އަށް ވަނީ އަމާޒުވެފަ އެވެ. އެ ބިންތައް ވިއްކާލާފައިވާ ފަރާތްތަކުގެ ތެރޭގައި ރިއަލް އެސްޓޭޓާއި އުމްރާނީ ތަރައްޤީ އާއި ގުޅުން ހުރި މަޝްރޫޢުތައް ހިނގަމުން އަންނަ ކުންފުނިތަކެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި ބިންތައް ވިއްކާލާފައިވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ކުންފުނިތައް އެބަހުއްޓެވެ.

އޭގެ އިތުރުން ވެސް ޗައިނާގެ ކުންފުނިތަކަކަށް ބިންތަކެއް ދިނުމަށް ރައީސް އޮފީހުން އަންގައިގެން ހުޅުމާލޭގެ ކަންކަން ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މަސައްކަތް ކުރަމުންދާކަން ވެސް ވަނީ އެނގިފަ އެވެ.

އިއުލާނު ކުރުމެއް ނެތި ވިޔަފާރީގެ ބޭނުމަށް ހުޅުމާލޭން ގިނަ ބިންތަކެއް އެޗްޑީސީ އިން ދޫކުރަމުންދާ އިރު އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށާއި، ނުފޫޒު ގަދަ ފަރާތްތަކާއި އެކު ގޮތް ނޭނގޭ ޑީލްތައް ހެދުމަށް މި ބިންތައް ބޭނުން ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އަދި މިފަދަ ކަންކަމާއި ގުޅުން ހުރި މައްސަލަތައް އޭސީސީ އަށް ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަން ފާހަގަކޮށްލެވެ އެވެ.