ބިންވެރިޔާ ސްކީމުން ހުޅުމާލޭ ގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުން ހައުސިން މިނިސްޓްރީ އިން ފަށައިފި އެވެ. 

އެމްޑީޕީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކުރާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެ އެވެ. އެގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތީގެ ގުރު ނެގުމަށް ނިންމާފައި ވާއިރު ގުރު ނެގުން ހޮނިހިރު ދުވަހުގެ 9 ޖެހިއިރު ކަލާފާނު ސްކޫލުގައި ވަނީ ފަށާފަ އެވެ. 

ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ނިންމީ، ހުޅުމާލޭގެ މާސްޓާ ޕްލޭންއަށް މެއި 26، 2025 ގައި ގެނައި ބަދަލާއެކު ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ބަދަލުތަކެއް ގެނައުމުންނެވެ.

މާސްޓާ ޕްލޭނުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލަކީ ހުޅުމާލޭގެ ފޭސް ތިނެއް، މިހާރު ހުރި ބިންތަކާ ގުޅުވައިލުމެވެ. ކުރީގެ ޕްލޭނުގައި، ފޭސް ތިނަކާއި ފޭސް އެކެއް އަދި ފޭސް ދޭއް ގުޅުވައިލަނީ ބްރިޖަކުންނެވެ. އެކަމަކު، ފޭސް ތިނެއް ދެން ގުޅުވައިލާނީ ބިން ހިއްކައިގެންނެވެ. އޭގެ ސަބަބުން ހުޅުމާލޭގެ ތިން ފޭހުގެ ކަނެކްޓިވިޓީ އިތުރުވާނެ އެވެ.

ގުރުއަތުނެގުން ކުރިއަށްދާއިރު ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހިގެންދާ ޕްލޮޓް ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނާނެކަމަށާއި އެފަރާތަކަށް ލިބޭ ޕްލޮޓް ނަންބަރު އެސް.އެމް.އެސްގެ ޒަރިއްޔާއިން އެންގޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެ އެވެ. 

ގުރުއަތުނަގާ ނިމުމުން، ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތު ފަހުން އާންމުކުރާނެކަމަށް ހައުސިންގ މިނިސްޓްރީ އިން ބުނެ އެވެ.