ހުކުރު ދުވަހު ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ޔޫއޭއީ ގައި އެތައް ފްލައިޓެއް ކެންސަލް ކޮށްފި އެވެ.

ޔޫއޭއީ ގެ ބޮޑެތި ސިޓީތަކުގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ.

ދުބާއީގެ އެމިރޭޓްސް އެއާލައިނުން ހުކުރު ދުވަހު 13 ފްލައިޓް ކެންސަލްކޮށްފައިވާއިރު، ރޭގަނޑު ވެހުނު ވާރޭގެ ސަބަބުން ކައިރީގައިވާ ޝާރުޖާގެ އެއާޕޯޓުގައި ވެސް ފްލައިޓްތައް ޑިލޭވެ، ކެންސަލްވުންތައް ވަނީ ހިނގާފަ އެވެ. 

ހުކުރު ދުވަހުގެ ހެނދުނު ޝާރުޖާގެ މައި މަގުތައް ފެންބޮޑުވެފައިވާއިރު، ދުބާއީ ފުލުހުން ރައްޔިތުންނަށް އިލްތިމާސްކުރީ ވާރޭ ވެހެމުން ދާއިރު "ކޮންމެހެން ބޭނުންވެއްޖެ ނަމަ މެނުވީ" ބޭރަށް ނުނިކުތުމަށެވެ.

 2024 ވަނަ އަހަރުގެ އެޕްރީލް މަހު ވެހުނު ރެކޯޑް މިންވަރުގެ ވާރޭގެ ސަބަބުން ފެންބޮޑުވެ، ދުބާއީގެ ބޮޑު ބައިނަލްއަގުވާމީ އެއާ ހަބުގައި 2،000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކުރަން ޖެހުނެވެ.

ހުކުރު ދުވަހުގެ ހެނދުނު، ދުބާއީގެ ވަށައިގެން ފެން ޕަމްޕްކުރާ ލޯރީތައް ފެން ހިންދުމުގެ މަސައްކަތުގައި ވަނީ ހަރަކާތްތެެރިވެފަ އެވެ.

ދުބާއީ އެއާޕޯޓްސްގެ ވެބްސައިޓުން ދައްކާގޮތުގައި ހުކުރު ދުވަހު އެތައް ފްލައިޓެއް ޑިލޭ ވެފައިވާއިރު، ބައެއް ފްލައިޓްތައް ކެންސަލްވެފައިވެއެވެ.

ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީން ބުނެފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ދުބާއީ އާއި ވެރިރަށް އަބޫދާބީ ހިމެނޭހެން ގައުމުގެ އެކި ހިސާބުތަކުގައި ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ގަލްފުގެ އެހެން ގައުމުތަކުގައި ވެސް ބޯކޮށް ވާރޭ ވެހިފައި ވެއެވެ. އޭގެ ސަބަބުން ގަތަރުގައި ބުރާސްފަތި ދުވަހަށް ޝެޑިއުލް ކޮށްފައި އޮތް ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އާ ދެމެދު ކުޅެން ހަމަޖެހިފައިވާ އެރަބް ކަޕް ފުޓްބޯޅައިގެ ތިން ވަނަ ހޮވާ މެޗު ކެންސަލްކުރެވުނެވެ.