ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުލެޓް ތައް ލިބުނު ފަރާތްތަކުން ފާހަގަ ކުރި ކުއްޔާއި އެޑްވާންސް ޕޭމަންޓްގެ ޝަކުވާތަކަށް ބައްލަވާ މެއިންޓަންސް އާއި ކުލި ހިމެނޭހެން ފްލެޓްތަކަށް ދައްކަން ޖެހޭ މަހު ކުލި ކުޑަ ކުރައްވައިފި ކަމަށް ރައީސް މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

އެ ގޮތުން 3 ކޮޓަރީގެ ފްލެޓަކުން މަހުން މަހަށް މިހާރު ދައްކަން އޮތް 10،500 ރުފިޔާ، 10،000ރ. އަށް ކުޑަކޮށްދެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން 2 ކޮޓަރީގެ ފްލެޓްތަކުން މިހާރު މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ އަގުން 1000ރ. އުނި ކުރެވިގެން ދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. މި ބަދަލާ އެކު 7،000ރ. ކުލީގެ ގޮތުގައި ދައްކަން ހަމަ ޖައްސާފައި އޮތް ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ދެން ދައްކަން ޖެހޭނީ 6،000ރ. އެވެ.

އަދި 3 ކޮޓަރީގެ އިތުރުން 2 ކޮޓަރީގެ ފްލެޓްތަކުގެ އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ ވެސް އެ ފްލެޓްތަކުގެ އެއް މަހުގެ ކުއްޔަށްވާ ފައިސާ ކަމުގައި ކަނޑައެޅިފައި އޮންނާނެ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިކަން ހާމަ ކުރެއްވީ، ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއެކު، ޞަލާޙުއްދީން ސްކޫލު ހޯލުގައި ހުކުރު ވިލޭރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގަ އެވެ.

މުއިއްޒު މި ގޮތަށް އިއުލާނު ކުރެއްވުމާއެކު ހައުސިންގ މިނިސްޓަރު އަބްދުﷲ މުއްތަލިބު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެފްޑީސީ އިން ދޫކުރާ 4000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓަށް ބަދަލު ގެނެވިފައިވާ ގޮތް ހާމަ ކުރައްވާފަ އެވެ.

އެ ގޮތުން 2 ކޮޓަރީގެ ޔުނިޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ 6،000ރ. އާއި މެއިންޓަނަންސް ފީ 1،000ރ. އާ އެކު ޖުމްލަ މަހު ކުއްޔަކީ 7،000ރ. ކަމަށާއި ސެކިއުރިޓީ ޑިޕޮސިޓަކީ 6،000ރ. ކަމަށް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން 3 ކޮޓަރީގެ ޔުނިޓަކަށް މަހު ކުލީގެ ގޮތުގައި 8،500ރ. އާއި މެއިންޓަނަންސް ފީގެ ގޮތުގައި 1،500ރ. އާއެކު މަހަކު ދައްކަން ޖެހޭ ކުއްޔަކީ 10،000ރ ކަމަށް ވިދާޅުވިއެވެ. އަދި 3 ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓް ގެ ގޮތުގައި ދައްކަން ޖެހެނީ 8،500ރ. ކަމަށް ވިދާޅުވިއެވެ.

މި ބަދަލުތައް ގެނައިކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވި އިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުން 3 ކޮޓަރީގެ ފްލެޓަކަށް ކަނޑައަޅާފައި ވަނީ، 7،000ރ. އަދި މަރާމާތު ފީގެ ގޮތުގައި 1،000ރ. އާ އެކު ޖުމްލަ 8،000ރ. އެވެ. އަދި 2 ކޮޓަރީގެ ފްލެޓަކަށް ކަނޑައަޅާފައި ވަނީ މަހު ކުއްޔަށް 5،000ރ. އާއި މަރާމާތު ފީގެ ގޮތުގައި 1،000ރ. އާއެކު ޖުމްލަ 6،000ރ. އެވެ.

އެމްޑީޕީ ސަރުކާރުން މި އަގުތައް 15 ނޮވެމްބަރު 2023 ގައި އާންމު ކޮށް އިއުލާނު ކޮށްފައިވަނިކޮށް، އަގުތަކަށް ބަދަލު ގެނެސް އަދި ޑިޕޮސިޓުގެ ގޮތުގައި އެއްވެސް ފައިސާ އެއް ނަގަން ނުޖެހޭ ގޮތަށް ހަމަޖައްސާފައި ވަނިކޮށް، 3 ކޮޓަރި އަށް 25،000ރ. އަދި 2 ކޮޓަރި އަށް 15،000ރ. ގެ ޑިޕޮސިޓެއް ނަގާ ގޮތަށް ހަމަ ޖެއްސީ މުއިއްޒު ވެރިކަމުގަ އެވެ.