ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތްވާ ފެނިފައިވަނީ ޗައިނާ އަށް ނިސްބަތްވާ އަންހެނެއް ކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެފައި އޮއްވައި ބުރާސްފަތި ދުވަހު ފެނުނު މީހާ ގެ ވަނަވަރު ހާމަ ކުރަމުން ފުލުހުން ހުކުރު ދުވަހު ބުނީ، އެއީ ޗައިނާ ރައްޔިތެއްކަމަށްވާ އުމުރުން 38 އަހަރުގެ ޗެންގް ޖިއާ ކަމަށެވެ.
ފުލުހުން ބުނީ މި އަންހެން މީހާ ކަނޑަށް ވެއްޓިފައިވަނީ ޑިސެމްބަރު 18 ވަނަ ދުވަހު 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށް އެނގިފައިވާ ކަމަށެވެ. އޭނާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތް ކޮށް، ކޯސްޓްގާރޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޯސްޓްގާރޑުން މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ, ޑިސެމްބަރު 18 ވަނަ ދުވަހު 13:32 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންނެވެ.