ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލު ކުރައްވާ، ހިޔާ ފްލެޓުގެ ވެރިންނަށް ދެއްވަން ވައުދުވެފައި އޮތް ދެ ލައްކަ ރުފިޔާ ގެ ކަންތައް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭން ގައި މުއިއްޒު ވަނީ ހިޔާ ފްލެޓުގެ ވެރިންނަށް ދެ ލައްކަ ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ފައިސާ އަކީ ހިޔާ ފްލެޓުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށާއި އިންޓީރިއާ އަށް ފްލެޓުގެ ވެރިން ކުރި ހޭދައިގެ ބަދަލެއް ގެ ގޮތުން ދޭ ފައިސާ ކަމަށް ވެސް ވިދާޅުވި އެވެ.
މިި ކަމާ ބެހޭ ގޮތުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ކެބިނެޓު ގައި މަޝްވަރާ ކޮށް އެ ފްލެޓަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ އިން ކެނޑޭ ގޮތަށް މަހުން މަހަށް ދައްކާ ފައިސާ އިން އެބައި އުނިވާ ގޮތަށް ހެދުމަށް ނިންމި ކަމަށް ވެސް ރައީސް އޮފީހުން އޮތީ ހާމަ ކޮށްފަ އެވެ.
އަދި އެކަމާ ބެހޭ ގޮތުން ރައީސް މުއިއްޒު ހަމަ އެ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއް ގައި ވިދާޅުވީ ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް އަމިއްލަ ފަރުދުންގެ އަތުން އާންމުކޮށް ދެ ލައްކަ ރުފިޔާ ޚަރަދު ވެފައިވާ ކަމަށް ކަނޑައަޅައި، ފްލެޓްތަކުގެ އަގުން ދެ ލައްކަ ރުފިޔާ އަށްވާ މިންވަރު އުނިކޮށްދެއްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެ ދުވަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ފަހު، އޭރު ހަދާފައިވާ 7 އަހަރު ދުވަހުގެ އެއްބަސްވުމުގައިވާ މަހަކު 5,300 ރުފިޔާގެ ކުލި، މަހަކު 3,984 ރުފިޔާ 21 ލާރި އަށް ކުޑަކޮށްދެއްވުމަށް ނިންމަވާފައިވާކަން މުއިއްޒު ހާމަ ކުރެއްވިއެވެ.
މީގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ އަގު ކުޑަކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތައް އެތަނުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތަ ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ނިންމަވާފައިވާ ކަމަށާއި، މަހުން މަހަށް ދައްކާ އަދަދުން އާންމު ގޮތެއްގައި 4,200 ރުފިޔާ އުނިކޮށްދިނުމަށް ނިންމަވާފައިވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެހެން ނަމަވެސް، މި ޑިސެމްބަރު މަހުގެ 18 ވީ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއް ގެ ރައްޔިތުންނާ އެކު މުއިއްޒު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ހިޔާ ފްލެޓު ލިބުނު ފަރާތަކުން ބުނީ އެ ވިދާޅުވި ދެ ލައްކަ ރުފިޔާ އަށް ވީ ގޮތެއް އަދިވެސް ނޭނގޭ ކަމަށާއި އެ ފައިސާ ދީ ޚަލާސް ކުރާ ގޮތެއް ފްލެޓު ލިބިފައިވާ އެއްވެސް ފަރާތަކަށް އެނގިފައި ނުވާ ކަމަށެވެ.
ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވުމަށް ވިދާޅުވިކަން މުއިއްޒު ވަނީ މި ބައްދަލުވުމުގައި ތަކުރާރު ކުރައްވާފަ އެވެ. އަދި އެކަން އެ ގޮތަށް ކުރެއްވުމަށް އެޗް.ޑީ.ސީ އަށް ދަންނަވާފައިވާނެ ކަމަށާ، އެކަމަށްޓަކަައި އެގްރީމަންޓަށް ގެންނަ ބަދަލާއެކު، ދެ ލައްކަ ރުފިޔާ އުނިކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީން ކަން އަނެއްކާ ވެސް ދެއްވި އެވެ. ފައިސާ ޚަލާސް ނުކުރެވި ހުރި ފަރާތްތަކުގެ ތަފްސީލުތައް ލިބުނުހާ އަވަހަށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތެއްވެސް ބައްލަވާނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ.