އދ.ގެ އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑުގެ މެންބަރު ކަމަށް، ނިމިދިޔަ އެމްޑީޕީ ސަރުކާރު ގައި ތިމާވެއްޓާ ބެހޭ ވަޒީރުކަން ކުރެއްވި އާމިނަތު ޝައުނާ އައްޔަނު ކުރައްވައިފި އެވެ.

ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން އިލްމު ހޯދުމަށް މަސައްކަތްކުރާ، އދ.ގެ ޑެކޭޑް އޮފް އޯޝަން ސައެންސް ފޯ ސަސްޓެއިނަބަލް ޑެވެލޮޕްމެންޓް (އޯޝަން ޑެކޭޑް) ގެ ބޯޑުގައި، ޝައުނާ މަސައްކަތް ކުރައްވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 31، 2027ގެ ނިޔަލަށް ކަމަށް ޔުނެސްކޯ އިން ބުނެފައިވެ އެވެ.

ޖުމްލަ 15 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ ބޯޑު ގެ މެންބަރުކަމަށް ޝައުނާ ހޮވިވަޑައިގެންފައި ވަނީ، އެ ބޯޑަށް އަލަށް އައްޔަން ކުރި 10 މީހުންގެ ތެރެއިންނެވެ. ދެ އަހަރުގެ ދައުރަކަށް އެ މެންބަރުން ހޮވިފައި ވަނީ، 200 އަށް ވުރެ ގިނަ ނޮމިނޭޝަން ގެ ތެރެއިންނެވެ.  އެ ބޯޑުގެ ވެބްސައިޓުގައި ޝައުނާގެ ނަން މިހާރު ވަނީ ހިމާނާފަ އެވެ.

މި ބޯޑު ގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުރިއަށް އޮތް އަހަރުތަކު ގައި އޯޝަން ޑެކޭޑް ގެ މަގްސަދުތައް ތަންފީޒު ކުރުމުގައި ލަފާ ދިނުމެވެ. އެގޮތުން، ވަސީލަތްތައް ބޭނުންކުރަންވީ ގޮތާއި އެކި ސަރަހައްދުތަކާއި ގްރޫޕްތައް ތަމްސީލު ކުރުވުމުގައި މި ބޯޑުން ޔުނެސްކޯއަށް ލަފާ ދޭނެ އެވެ.

ޝައުނާ އަކީ ތިމާވެއްޓާ ގުޅޭ އެކި ކަންކަމުގައި ވަކާލާތުކުރައްވާ، އޭނާ ގެ މިނިސްޓަރުކަމުގެ ދަށުން ތިމާވެށީގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ވަރލްޑް އިކޮނޮމިކް ފޯރަމްއިން 2020 ވަނަ އަހަރު ޔަންގް ގްލޯބަލް ލީޑަރުގެ މަގާމާއި، މަޝްހޫރު މެގަޒިން ބްލޫމްބަރގް އިން ދޭ "ނިއު އިކޮނޮމީ ކެޓަލިސްޓް" މަގާމު 2023 ގައި ހޯއްދަވާފަ އެވެ.

ޕޮލިޓިކަލް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް، އަދި އިކޮނޮމިކްސްގެ ދާއިރާއިން ވެސްޓްމިންސްޓަރ ކޮލެޖުން ޑިގްރީ ހާސިލް ކުރައްވާފައިވާ ޝައުނާ ވަނީ،  ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ތިމާވެއްޓާ ބެހޭ ވަޒީރުކަމުގެ މަގާމު 2021-2023 އަށް ފުރުއްވާފަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ސަރުކާރު ގައި ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ ގެ މަގާމުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ގެ މަގާމު ވެސް ޝައުނާ  ފުރުއްވާފައިވެ އެވެ. އޭގެ ކުރިން މިނިވަން ނޫހުގައި ނޫސްވެރިއެއް ގެ ގޮތުގައި ވެސް ޝައުނާ މަސައްކަތް ކުރެއްވި އެވެ.