ބިންވެރިޔާ ސްކީމުގެ ދަށުން ހިއްކަމުންދާ ހުޅުމާލޭ ފޭސް 3 އިން ގޯތި ލިބޭ މީހުންގެ ގުރުއަތު ހޮނިހިރު ދުވަހު ނަގާ ގޮތަށް ހަމަޖައްސައިފި އެވެ. 

ހައުސިންގ މިނިސްޓްރީ އިން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން 20 ޑިސެންބަރު 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލް ހޯލުގަ އެވެ.

ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައި ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނެވެ. އެގޮތުން، ގުރުއަތުލުން ކުރިއަށްދާއިރު، ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ހޯލަށް ވަދެވޭނެ އެވެ. އަދި ވަޑައިގަންނަވާއިރު އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށް ވަނީ އެދިފަ އެވެ. 

ހައުސިންގ މިނިސްޓްރީ އިން ބުނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލްއިން ފެންނަން ހުންނާނެ އެވެ.

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށީ 23 ސެޕްޓެމްބަރު 2023 ގަ އެވެ. ނަމަވެސް މި ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު ވެސް ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައި ނުވެ އެވެ. ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއކަން ނިންމާފައިވެ އެވެ. 

މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑިސެންބަރު މަސް ނިމޭއިރު ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިމެނޭނެ ކަމަށެވެ.

ހުޅުމާލެ ފޭސް 3 އެއްކޮށް ހިއްކާ ނިންމާނެ ކަަމަށް މި ސަރުކާރުން އެކިއެކި ތާރީޚުތައް މީގެ ކުރިން ވެސް ދީފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓިފައިވާއިރު، މާލެ ސަރަހައްދުން ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އައި ހުރިހާ މަޝްރޫއެއް އޮތީ ހުއްޓިފަ އެވެ.

2024 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލެ ފޭސް 3 އެއްކޮށް ހިއްކާ ނިމޭނެ ކަމަށް އޭރު ސަރުކާރުން ހާމަ ކޮށްފައިވެ އެވެ.