ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވައިފި އެވެ.

ރައީސް ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ހުޅުމާލެ ފޭސް 2 ޞަލާޙުއްދީން ސްކޫލްގަ އެވެ. އެ ބައްދަލުކުރެއްވުމުގައި އާއްމުން ވަނީ ހުޅުމާލެ އާއި ގުޅުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. 

އާއްމުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ހިއްސާކޮށްފައި ވަނީ ގޯތި ގެދޮރުގެ މައްސަލަ އާއި މެދުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިން ވައުދު ވީ ގޮތަށް ފްލެޓާއި ގޯތި ދީފައި ނުވާތީ އެކަންބޮޑުވުން ބައެއް އާއްމުން ވަނީ ހިއްސާކޮށްފަ އެވެ.  އެގޮތުން މީގެ ކުރިން ފްލެޓް ލިބި، ފްލެޓް އެގްރީމެންޓް އެކުލަވާލާ، ފްލެޓް ހުރި ތަން ވެސް އެނގިފައިވާ މީހަކަށް ދާދި ފަހުން، އޭނާ ފްލެޓަށް ޝަރުތު ހަމަ ނުވާ ކަމަށް ބުނެ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސިޓީ އެއް ފޮނުވާފައިވާ ކަމަށް އާއްމު މީހަކު ވަނީ ބުނެފަ އެވެ.

"މި ސިޓީ ފޮނުވާފައި ވަނީ 16 ޑިސެމްބަރުގައި. އަޅުގަނޑުމެން ކުދިން ސްކޫލަށް ވައްދާ ހުޅުމާލެ އަދި މާލޭގައި ދިރިއުޅޭތާ 22 އަހަރު ވެއްޖެ. ސްކޫލް ރިޕޯޓް ފޯމާއި އެކު ފޯމް ފުރީ." އާއްމު މީހަކު ބުނެފައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމް ގެ ދަށުން ލިބުނު ފްލެޓް އަތުލާފައި ވާތީ އެކަމާއި މެދު އެ އާއްމު މީހާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އިތުރު އާއްމު މީހަކު ބުނީ ކޮންމެ ޖަލްސާ އެއްގައި ރައީސް އާއި މީހުން ބައްދަލުކުރާ އިރު އިވެނީ އެއް ޝަކުވާ އެއްގެ އަޑު ކަމަށެވެ. އެހެންނަމަވެސް އެ ޝަކުވާތަކަށް އެކަށީގެންވާ އިޖާބަ އެއް ނުދޭ ކަމަށް އެ އާއްމު މީހާ ވަނީ ބުނެފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދެއްކި އިތުރު އާއްމު މީހަކު ބުނީ އާނާ އަކީ 2004 އިން ފެށިގެން މާލޭގައި ދިރިއުޅެމުންދާ މީހެއް ކަމަށެވެ. 2023 ވަނަ އަހަރު އެމްޑަބްލިއުއެސްސީ އިން ފްލެޓް ވިއްކަލް ހުޅުވާލުމުން އެމްއައިބޯ މެދުވެރިކޮށް ފްލެޓަށް ލާ، އެ ފްލެޓަށް އެއްކޮށް ފައިސާ ދެއްކުމަށް ފަހު ފްލެޓް ގަނެފައިވާނެ ކަމަށް އެ އާއްމު މީހާ ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް އެ ތަނަކީ ކުންފުނީގެ ހައުސިން ސްކީމެއްގެ ދަށުން ދީފައިވާ ތަނެއް ނޫންކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެކަން ހާމަކޮށްދޭ ލިޔެކިޔުންތަކާއި އެކު ފްލެޓަށް އެދި ހުށަހެޅުމުން، އޭނާ ކުރިން ގަނެފައިވާ ފްލެޓަކީ 600 އަކަފޫޓު ހަމަ ނުވާ ނަމަ ފްލެޓް ލިބޭނެ ކަމަށް އޭރު އަންގާފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ. އެހެންނަމަވެސް މި ސަރުކާރުން އޭނާ ގެ ނަން ފްލެޓް ލިސްޓުން އުނިކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ރައީސް އާއި ހިއްސާކޮށްފަ އެވެ.

"ފްލެޓަކީ ކުންފުނީގެ ހައުސިން ސްކީމަކުން ދިން ތަނެއް ނޫން. ފްލެޓް ލިސްޓުން 87 ޕޮއިންޓް ލިބުނު. 389 އަކަފޫޓު އުޅޭ ތަނުގައި ހުންނަނީ. ނަމަވެސް މި ސަރުކާރުން ވަނީ އެއީ ކުންފުނީގެ އެޕާޓްމެންޓެއް ކަމަށް ބުނެ ލިސްޓުން އުނިކޮށްފަ. އެ ފްލެޓަކީ 1 ރޫމް އެޕާޓްމެންޓެއް.އަޅުގަނޑު ދިރިއުޅެނީ 14 އަހަރުގެ ފިރިހެން ކުއްޖަކާއި 6 އަހަރުގެ އަންހެން ދަރިފުޅައި އެކު." އޭނާ ވަނީ ބުނެފަ އެވެ.

އިތުރު ބައެއް އާއްމުން ވެސް ވަނީ އެތައް ބައެއްގެ ހައްގުތައް ގެއްލިގެން ދާ އިރު ސަރުކާރުން ހަނު ތިބޭ ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ.

އާއްމުން ވަނީ މި ސަރުކާރުން އެކަންކަން އިސްލާޙުކުރުމަށް ގޮވާލާފަ އެވެ. ފްލެޓާއި ގޯތި ކުރިން ލިބުނު ތަނަކުން ދެއްވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވާ އިރު އެ ވައުދު ފުއްދުމަށް ތަކުރާރުކޮށް އާއްމުން ވަނީ ގޮވާލާފަ އެވެ. އަދި އާއްމުން ވަނީ ގޯތި ގެދޮރު ދިނުމުގައި ގެންގުޅޭ އުސޫލާއި މެދު ހުރި ހިތްހަމަ ނުޖެހުންތައް ފާޅުކޮށްފަ އެވެ.