ރ އަތޮޅަށް ނިސްބަތްވާ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލަ ހެއްކާއެކު ފުލުހަށް ހުށަހެޅިތާ ދޮޅުމަސް ދުވަސް ވީއިރުވެސް އެ މައްސަލަ ކުރިއަށް ނުދަނީ ފުލުހުންގެ ބައިވެރިވުމެއް އޮތުމުން ކަމަށް އާއިލާއިން ތުހުމަތު ކޮށްފި އެވެ. 

ރާއްޖެ އެމްވީ އަށް މައުލޫމާތު ހިއްސާ ކުރަމުން އެ ކުއްޖާގެ ބައްޕަ ބުނީ، އެ ހާދިސާ ހިނގާފައި ވަނީ އޮކްޓޫބަރު 31 ވަނަ ދުވަހު ކަމަށާއި އަދި ނޮވެމްބަރު 2 ވަނަ ދުވަހު ފުލުހަށް އެ މައްސަލަ ރިޕޯޓް ކޮށްފައި ވާނެ ކަމަށެވެ. އެ ހާދިސާ ހިނގާފައިވާ ގޮތް ކިޔައިދެމުން ކުއްޖާގެ ބައްޕަ ބުނީ، އޭނާ ގެ ދެ ކުދިން  ވެސް އެވަގުތު ތިބީ މާލޭ ގައި ކަމަށާއި އެތަނުން ބޮޑު ކުއްޖާ އަކީ ޔުނިވާސިޓީގައި ކިޔަވަމުންދާ ކުއްޖެއް ކަމަށެވެ. ކިޑްނެޕް ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރަނީ  ލ. އަަތޮޅަށް ނިސްބަތްވާ ފިރިހެނަކަށެވެ. 

އެ ކުއްޖާ ކިޔައިދިން ގޮތުގައި ކަމަށް ބުނެ، ކުއްޖާގެ ބައްޕަ ބުނީ ކިޑްނެޕްކުރި ފިރިހެން މީހާ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހެކެވެ. އަދި ސިޔާސީ ބޮޑެތިންނާއި އެކު ބަދު އަހުލާގީ ގުޅުން ހިނގާ ވީޑިއޯ ވެސް އޭނާ ގެންގުޅޭ ކަމަށާއި އެމީހުން އަތުން ފައިސާ ހޯދުމަށް އެ ވީޑިއޯތައް ބޭނުން ކުރާ ކަމަށް އޭނާ ބުންޏެވެ. 

މި ހާދިސާ ހިނގާފައިވަނީ އޮކްޓުބަރު 31 ވަނަ ދުވަހު ޖަނަވަރީ މަގުގައި ހުންނަ ހާޑްވެއަރ ގުދަނެއް ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާގަ އެވެ. އެ އިމާރާތުގެ ދެވަނަ ފަންގިފިލާ ގައި ހުރި ކުޑަ ކޮޓަރިއެއް ގައި ކުއްޖާ ބަންދުކޮށް އަނިޔާ ކޮށްފައި ހުރި ނިޝާން ކުއްޖާގެ މޫނުން ފެންނަން ހުރި ވީޑިއޯތަކެއް ރާއްޖެއެމްވީއަށް ވަނީ ލިބިފަ އެވެ. އަދި އާއިލާއިން ކުއްޖާ ހޯދަން އުޅޭކަން އެނގުމުން އެކުއްޖާ އަށް ވަޅިން ބިރު ދައްކާ އެކަން ފޮރުވުމަށް އޭނާ ވަނީ މަސައްކަތް ކޮށްފައި ކަމަށްވެސް އެކުއްޖާގެ ބައްޕަ ކިޔައިދިނެ އެވެ. 

އެ ކުއްޖާގެ ބައްޕަ ބުނީ، މިކަން ފުލުހުންނަށް ރިޕޯޓު ކުރީ ނޮވެމްބަރު ދެވަނަ ދުވަހުގެ ރޭ 8:28 ގައި ކަމަށާއި އަދި ރިޕޯޓު ކުރިތާ އިރުކޮޅެއް ނުވެ އޭނާ ގެ ދަރިފުޅު ކިޑްނެޕް ކުރި މީހާ އަށް އޭނާ ގެ މައްސަލަ ރިޕޯޓު ކުރިކަން އެނގުނު ކަމަށެވެ. އެހެންވުމުގެ ސަބަބުން ފުލުހުންގެ ބައިވެރިވުމެއް މިކަމުގައި ވާކަން އެނގުނު ކަމަށް ކުއްޖާގެ ބައްޕަ ތުހުމަތުކުރެ އެވެ. 

އޭގެ އިތުރުން ހަމަ އެ ރޭ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަށް ވެސް ގުޅާ އެމައްސަލަ ރިޕޯޓު ކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ. މިނިސްޓްރީ އިން އެ މައްސަލަ ވަރަށް އިސްކަމެއް ދީގެން ބަލާނެ ކަމަށް ބުނެ ކުއްޖާ އަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދަނެގަތުމަށް މިނިސްޓްރީ އަށް ގެންދިޔަ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އޭގެ ފަހުން މިނިސްޓްރީ އިން ވެސް ނުގުޅާ ކަމަށާއި ފުލުހުން ވެސް އެ މައްސަލައިގެ އަޕްޑޭޓެއް ދޭން ވެސް ނުގުޅާ ކަމަށް އޭނާ ބުންޏެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް މި ނޫހުން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް ފުލުހުންގެ މީޑިއާ އިން މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެ އެވެ. ފުލުހުންގެ މީޑިއާއިން ބުނީ މި މައްސަލަ އަކީ ރިޕޯޓު ކޮށްފައިވާ މައްސަލައެއް ކަން އެނގެން ނެތް ކަމަށެވެ. އެހެން ނަމަވެސް މި ނޫހަށް ވަނީ އެ މައްސަލަ ރަޖިސްޓްރީ ކުރި ކަމުގެ ލިޔުމުގެ ކޮޕީ އެއް ލިބިފަ އެވެ.