ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ބަލާ ފާސްކުރުމަށް ފުލުހުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި، މިއީ ނަސްލީ ތަފާތުކުރުމުގެ އަމަލުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު، ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ މި ފިޔަވަޅަކީ ބިދޭސީ މަސައްކަތްތެރިންނަށް ރޭގަނޑު ބޭރަށް ނުނިކުމެވޭނެ ގޮތަށް ކާފިއު އިއުލާން ކުރުން ކަމަށާއި، މިއީ ޤާނޫނު ތަންފީޒުކުރުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ނަސްލު އަދި އަދާކުރާ ވަޒީފާ އަށް ބިނާކޮށް މީހުން ތަފާތުކުރުމުގެ އަމަލެއް ކަމަށެވެ.

އިމިގްރޭޝަން އިން ބިދޭސީންނާއި ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ގިނަ މައްސަލަތައް އުފައްދާފައިވަނީ، ބިދޭސީ މުވައްޒަފުން ހޯދާ ފަރާތްތަކާއި އެފަރާތްތަކަށް ވަޒީފާދޭ ފަރާތްތަކުން ކަމަށް ޝަމްހީދު ވިދާޅުވި އެވެ. މީގެ ތެރޭގައި ދެފަރާތުން އެއްބަސްވާ ވަޒީފާ ނުދިނުމާއި، މުސާރަ ނުދިނުން، ޕާސްޕޯޓް ހިފެހެއްޓުން، އަދި މަސައްކަތްތެރިން ދޫކޮށްލުން ހިމެނޭ ކަމަށް ޝަމްހީދު ފާހަގަ ކުރެއްވި އެވެ.

ޝަމްހީދު ވިދާޅުވީ މަސައްކަތްތެރިން ދަތި ހާލަތަކަށް ދޫކޮށްލުމަށްފަހު، ދައުލަތުން އެ މަސައްކަތްތެރިން ހައްޔަރުކޮށް ބަންދުކޮށް ޑިޕޯޓް ކުރާއިރު، މިކަންކަމުގެ ޒިންމާ ހަގީގަތުގައި ނަގަންޖެހޭ ފަރާތްތަކަށް އަދަބު ނުލިބޭ ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންނަށް އެމީހުންގެ ދިފާއުގައި މަސައްކަތް ކުރުމަށާއި، ނުދެވި ހުންނަ މުސާރަ ހޯދުމަށާއި، އެއްވެސް މައްސަލަ އެއްގައި ވަޒީފާދޭ ފަރާތްތަކާ ދެކޮޅަށް ދައުވާކުރުމުގެ ހަގީގީ ފުރުސަތެއް ނުދެވޭ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. މިއީ އިންސާނީ ހައްގުތަކުގެ ޔުނިވާސަލް ޑިކްލަރޭޝަންގެ 2، 7، 9 އަދި 13 ވަނަ މާއްދާތަކާއި، ހިޖުރަކުރާ މަސައްކަތްތެރިންގެ ކޮންވެންޝަނާ ޚިލާފު ކަމަށް ޝަމްހީދު ފާހަގަކުރެއްވި އެވެ.

ޝަމްހީދު ވިދާޅުވީ އަނިޔާ ލިބޭ މީހުން ކުއްވެރިން ކަމުގައި ހަދައި، އަނިޔާވެރިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަކީ އަނިޔާވެރިވުން ކަމަށާއި، މިއީ ހެޔޮވެރިކަމެއް ކުރުން ނޫންކަމުގަ އެވެ.

ޝަމްހީދު ވަނީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާއި، އެޓާނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ އެވެ. އަދި މި މައްސަލައިގައި ހިމޭނުން ތިބުމަކީ ވެސް މި ޢަމަލުތަކަށް ބާރުދިނުން ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކޮށް، އެމީހުން ކުރާ ކަންކަން ބަލައި ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅު އެޅުމަށް ރައީސް މުޢިއްޒު އެންގެވުމާއި ގުޅިގެން، ދިވެހި ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ބުދަ ދުވަހުގެ ރޭ ފަށާފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ބުދަ ދުވަހުގެ ރެއިން ފެށިގެން ކޮންމެ ރެއަކު 00:00 އިން ހެނދުނު 06:00 އަށް މަގުމަތީގައި އުޅޭ ބިދޭސީން ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. މި މަސައްކަތް މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.