ދިވެހި ވިޔަފާރިތަކަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ އެތައް ހާސް ބިލަކަށް ފައިސާ ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ދެވަނަ މުއްދަތު ކަމުގައިވާ 5 ނޮވެމްބަރު ފަހަނައަޅައި ގޮސް އަނެއްކާ ވެސް އައު ތާރީހެއް އެމަނިކުފާނު ދެއްވައިފި އެވެ. 

ޤާނޫނުތަކާއި ޤަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ދެއްކުމަށް ރައީސް އެންމެ ފުރަތަމަ ވައުދުވެވަޑައިގަތީ މިދިޔަ ރޯދަ މަސް ކުރިންނެވެ. އެކަމަކު އެ ތާރީޚަށް ވެސް ވިޔަފާރިވެރިންނަށް ފައިސާ ނުދެވުނެވެ. އޭގެ ފަހުން ނޮވެމްބަރު 5 ގެ ކުރިން އެކަން ނިމޭނެ ކަމަށް ވިދާޅުވި ނަމަވެސް އެ މުއްދަތުގައި ވެސް ފައިސާ ދީ ނިމިފައި ނުވެ އެވެ. 

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބުދަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވިޔަފާރިވެރިންގެ މައިގަނޑު އެއް ޝަކުވާ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިޔުން ކަމަށެވެ. ރައީސް ވިދާޅުވީ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ވެސް ގިނަ ވިޔަފާރިތަކަކަށް ފައިސާ ދޫކުރެވޭނެ ކަމަށާއި ރޯދަ މަހާ ހަމައަށް ދާއިރު ހުރިހާ ބިލަކަށް ފައިސާ ދެއްކޭނެ ކަމަށެވެ. ފުދޭވަރަކަށް ގިނަ ފަރާތްތަކަށް މި މަސް ނިމުމުގެ ކުރިން ބާކީ މި އޮތް ފަނަރަ ވަރަކަށް ދުވަސް ތެރޭގައި އެ ބިލުތައް ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ހަމައެއާ އެކު ޖެނުއަރީ މަސް ތެރޭގައި ބާކީ އެމައުންޓު ވެސް ރޯދަ މަހާ ހަމައަށް ދާއިރު ކްލިއާ ކުރެވޭތޯ ބަލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކްލިއާ ކުރާއިރު މީރާގެ ޕެންޑިންތަކަށް ވެސް ވިޔަފާރިވެރިން ދައްކަން އޮތް އެއްޗަކަށް ވެސް ރަނގަޅު ހައްލެއް ގެނެސްދެވޭ ގޮތަށް ކަންކަން ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދޭން ހުރި ފައިސާ ވެސް އިރާދަކުރެއްވިއްޔާ މި ދެންނެވިހެން، ފުދޭވަރެއްގެ ގިނަ ފަރާތްތަކަށް މި މަސް ނިމޭއިރު، ބާކީ މިއޮތް ފަނަރަ ވަރަކަށް ދުވަސް ތެރޭގައި، ދެ ހަފްތާ، އެހެން އަބަދުވެސް މިއޮތީތީ އިރާދަކުރެއްވިއްޔާ މި ބަލަނީ ޕޭކޮށްލެވޭތޯ. އަދި ހަމަ އެއާއެކީގައި، ދެން ޖަނަވަރީ މަސްތެރޭގައި ބާކީ އޮތް އަމައުންޓު ވެސް ރޯދަމަހާ ހަމައަށް ދާންވާއިރަށް ހަމަ ކްލިއަރ ކޮށްލެވޭތޯ މި ބަލަނީ. ކްލިއަރ ކުރާއިރުގައިވެސް މިހެންހުރި މީރާގެ ޕެންޑިންސްތަކަށް ވެސް ތިޔަބޭފުޅުން ދައްކަމުން އެ އެއްޗަކަށްވެސް ރަނގަޅު ގޮތެއް ވާނެ
ރައީސް ޑރ. މުހައްމަދު މުއިއްޒު

ވިޔަފާރިވެރިން މީރާއަށް ދައްކަންޖެހޭ ފައިސާ އުނިކުރުމަށްފަހު ލިބޭނެ ގޮތެއް ހަދައި ދިނުމަށް ވިޔަފާރިވެރިން އެދިފައިވާތީ އެކަމާއި ގުޅިގެން ރައީސް ވިދާޅުވީ މީރާ އަށް ޓެކްސް ދައްކަން ޖެހޭ އިރު، އެކަމުގައިވެސް އެސް.އޯ.އީ. މެދުވެރިކޮށް ދާން އޮތް ބިލު، ނޫނީވިއްޔާ މިނިސްޓްރީ މެދުވެރިކޮށް ދައްކަން އޮތް ޕޭމަންޓުގައި މީރާއަށް ވިޔަފާރިވެރިން ދައްކަން އޮތް އެއްޗެއް ކަނޑާ ނުވަތަ، ކެނޑޭނެ ގޮތަކީ ކޮބައިތޯ ބައްލަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ވީހާވެސް ގިނަ ބަޔަކަށް، އެ އުސޫލެއްގެ ތެރެއިން އެކަން އެޕްލައި ވާނެ ގޮތަކަށް ވިޔަފާރިވެރިން ދައްކަން އޮތް އެއްޗެއް، ސަރުކާރުން ދައްކަން އޮތް އެއްޗަކާ އަޅައިކެނޑޭނެ ގޮތެއް ހަދައި ޤާނޫނީ ގޮތުން އެއްވެސް ކަމެއް ބަލަން އޮތް ކަމުގައި އޮތްތޯ ބެލައި، މީރާ އާއި ފިނޭންސާ އެކީގައި މަޝްވަރާކޮށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ. 

މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެކެއްގައި ރައީސް ވިދާޅުވީ ދިހަ ދުވަސްތެރޭ ބިލުތައް ދައްކާނެ ކަމަށެވެ. އޭގެ ފަހުން 2 އޮކްޓޯބަރުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފަސް ހަފްތާ ތެރޭ ބިލުތަކަށް ފައިސާ ދައްކާ ނިންމަވާނެ ކަމަށެވެ. އޭގެ ފަހުން ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ބޭއްވި ޖަލްސާގައި ވިދާޅުވީ ނޮވެމްބަރު ހައެއްގައި ފެށިގެން ކޮންމެ ދުވަހަކު ބިލުތަކަށް ފައިސާ ދައްކަމުން އަންނަ ކަމަށާއި ހުރިހާ ބިލެއް ކްލިއާ ވަންދެން ފައިސާ ދޫކުރާނެ ކަމަށެވެ.