މާލެ ސިޓީގެ ކަންކަން ގޯހުން ގޯހަށް ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ކަހަލަ ނަޒާހާތްތެރިކަމެއް ނެތި މޭޔަރުކަން ކުރެއްވުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބުދަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރީސެޓް ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވީ ނަޒާހާތްތެރިކަމާއެކު ނޫން ކަމަށާއި މާލޭގެ ކަންކަން ފްލޮޕްވެގެން ދިޔައީ އެ ސަބަބާހުރެ ކަމަށެވެ.

މާލޭ މޭޔަރަކަށް މުއިއްޒު ހުންނަވައިގެން، ޕީޕީއެމްގެ އިސް ބޭފުޅަކު ހުންނަވައިގެން އަޅުގަނޑުމެންނަށް ބޭނުންވި އިންޓެގްރިޓީއެއް [ނަޒާހާތްތެރިކަމެއް] ގެނެއެއް ނުދެއްވި، އަޅުގަނޑުމެންނަށް ބޭނުންވާ ކަންތައްތަކެއް ކޮށެއް ނުދެއްވި، މާލެ ސިޓީ ފްލޮޕްވެގެން މި ދިޔައީ، މާލެ ސިޓީ ކައުންސިލްގެ ހިންގުން ފްލޮޕްވެގެން މި ދިޔައީ އެ ކަމާހުރެ.
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް

 

ރައީސް މުއިއްޒު ގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް، މިހާރު ވެސް މާލޭގެ ބިންތަކާ ބެހޭ މައްސަލަތައް އެޖެންޑާ ކުރާ ޖަލްސާ ތައް ޕީއެންސީގެ ކައުންސިލަރުން ބޮއިކޮޓުކޮށް ބޭއްވިޔަ ނުދެއްވާކަން ޔާމީން ފާހަގަ ކުރެއްވި އެވެ.  މާލެ ސިޓީ ކައުންސިލުން ޖެހެނީ މާލޭ ރައްޔިތުންގެ ހައްގު ހިމާޔަތް ކުރަން ކަމަށް ޔާމީން ވިދާޅުވި އެވެ. ދާދި ފަހުން ވެސް ވެރިކަންކުރާ ޕީއެންސީ ގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން، ޖެހިޖެހިގެން ތާވަލްކުރި ދެ ބައްދަލުވުން ވެސް ބޭއްވިފަ އެއް ނުވެ އެވެ.

ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި އިރު އުސޫލުން ބޭރުން އެތައް ފަރާތަކަށް ބިންތައް ދީފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި މިކަމާ ގުޅޭ ކިތަންމެ މައްސަލަ އެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހެޅިފަ އެވެ.