ރޭގަނޑު ދަންވަރު 12 އިން ފެށިގެން ހެނދުނު 6 އާ ދެމެދު އާންމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން ބުދަ ދުވަހުން ފެށިގެން ހުއްޓުވާ ސުވާލު ކުރުމަށް ފުލުހުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭ ގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށު ތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ އާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާތީ މި ފިޔަވަޅު އަޅަން ނިންމަވާފައިވާ ކަމަށެވެ.

މި ގޮތުން ދަންވަރު 12 ޖަހާއިރު ފެށިގެން ހެނދުނު 6 ޖަހާއިރު ނިމެންދެން އާންމު ތަންތަނުގަ އާއި މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެ ފިޔަވަޅު އެޅުމަށް ބުދަ ދުވަހުގެ ރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ފިޔަވަޅަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ވަގުތުތަކުގައި ރަށު ތެރޭގައި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

މި ފިޔަވަޅުގެ ދަށުން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ރޭގަނޑު ދަންވަރު ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލު ކުރުމުގެ އިތުރުން ޤާނޫނާއި ޚިލާފު ކަންކަން ހިނގަމުންދާ ކަމަށް ފާހަގަވާނަމަ އެކަންކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަން ފަށާނެ އެވެ.

މި ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ. ނަމަވެސް ހަމައެކަނި ބިދޭސީންނަށް އަމާޒުކޮށްގެން މި ފަދަ ކަމެއް ކުރުމަކީ ދެކޮޅުޖެހޭ ކަމެއްތޯ ގިނަ ފަރާތްތަކުން ސުވާލުކުރެ އެެވެ.