ރައީސް ޑރ. މުހައްމަދު މުއިއްޒު ހާޒިރުވެ އިންނަވާ 53 ކުންފުންޏަކަށް ބިޑަކާ ނުލައި 2.7 ބިލިއަން ރުފިޔާގެ 206 މަޝްރޫއު ބަހާލި މައްސަލަ ސަރުކާރުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ މިންގަނޑަށް ފެތޭ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ނަސަންދުރައި ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް މި ޕްރޮޖެކްޓުތައް ވަނީ ބަހާލާފަ އެވެ. ސީދާ އަތުން އަތައް މަޝްރޫއުތައް ހަވާލު ކުރި އިރު، އެއީ ކިހިނެއް، ކޮން ގޮތަކަށް ހޮވުނު ބައެއް ކަމެއް އެނގޭކަށް ނެތެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުމުންތަކުގެ ތެރެއިން ގަލޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އަންގާރަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ޒަރިޔަންދު ވަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
ޒަރިޔަންދު ވިދާޅުވީ، ޑިސެމްބަރު 2023 ން ފެށިގެން އޮކްޓޯބަރު 2025ގެ ނިޔަލަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ހަތަރު އިސްލާހު ގެނަސްފައިވާއިރު ގަވާއިދުގެ 10.22 މާއްދާ ބިޑަކާއި ނުލާ ކެބިނެޓުން ބޭނުންވާ ފަރާތަކަށް ދައުލަތުގެ މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށެވެ. އަދި މި ގެނައި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އެތައް މިލިޔަން ރުފިޔާގެ މަޝްރޫއުތައް ހިންގުމަށް ހަވާލުކުރެވޭ ފަރާތްތަކުގެ ކިބައިގައި އެ މަސައްކަތެއް ކުރުމުގެ ގާބިލުކަމާއި ތަޖުރިބާ ހުރިކަން ދެނެގަނެވޭނޭ އުސޫލެއް ކަނޑައެޅިފައި ނެތުމަކީ ވަރަށް ސީރިއަސް މައްސަލައެއްކަން ޒަރިޔަންދު ފާހަގަ ކުރެއްވި އެވެ.
މި ފަދަ މަޝްރޫއު އެއް ހިންގުމާއި ހަވާލުވާ ފަރާތްތަކުން އެ މަޝްރޫއު އެއް ފަށައި ނުނިންމާ ދޫކޮށްލައިފި ނަމަ ދައުލަތަށް ލިބޭ ގެއްލުން ފޫބެއްދުމަށް އެ ފަރާތްތަކުން ގެރެންޓީ އެއް ބަހައްޓަން ލާޒިމުކުރާ އުސޫލެއް ނެތް ކަން ފާހަގަ ކޮށް ޒަރިޔަންދު ވިދާޅުވި ހަވާލުކުރެވޭ މަޝްރޫއުއެއްގެ އަގުގެ 15 އިންސައްތަ އަށް އެޑްވާންސް ފައިސާ އެފަރާތްތަކަށް ދޭން ޖެހޭނޭ ކަމަށް ކަނޑައެޅިފައިވުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
އޭގެ އިތުރުން ޕްރޮޖެކްޓުތައް ބަހާލި ގޮތް، އދ. އިން ބަލާ ސަރުކާރުތަކުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ މިންގަނޑަށް ފެތޭ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ.
ކޮންމެހެން ތި މަސައްކަތްތައް ތި މީހުން އަތުން އަތުލާށެކޭ ނޫން. ތި މަސައްކަތް ނުކުރާށެކޭ ވެސް ނޫނޭ. އެގޮތަށް މަސައްކަތް ހަވާލުކުރައްވާ ނަމަ އެއަށްވުރެ ރަނގަޅަށް އެ މަސައްކަތް ހަވާލު ކުރެވޭނެ ގޮތަށް، ގަވާއިދުގަ އެކަން އޮންނަ ގޮތަށް މިކަން ގާއިމް ކޮށްދެއްވާށޭ. އެހެން މި ދަންނަވަނީ. ޔޫއެން އޯޑީސީގަ ކޮރަޕްޝަން މާނަކޮށްފަ އޮންނަ އޮތުމުގަ، ސަރުކާރުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނަށް ފެތޭ ގޮތަށް މިކަން މި ގޮސްފަ މިއޮތީ، މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު
އެހެންކަމުން ރައީސްގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް މިކަންކަން އަލުން ބެއްލެވުމަށްފަހު މިކަމަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ހައްލު ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ޒަރިޔަންޒު ވިދާޅުވި އެވެ.
މާލިއްޔަތު ގަވާއިދަށް މި ފަހުން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ވަޒީރު ބޭނުން ފަރާތަކަށް ބޭނުން ޕްރޮޖެކްޓެއް ދެވިދާނެ އެވެ. އަދި އެވޯޑު ކުރުމުގައި އެއްވެސް އިވެލުއޭޝަނެއް، ގާބިލް ކަމަކަށް ބަލަން ނުޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. ހަމައެހެންމެ ވަޒީރު ބޭނުން ޕްރޮޖެކްޓަކަށް އެޑުވާންސް ޕޭމަންޓް ގެރެންޓީ، ޕާފޯމެންސް ގެރެންޓީ ނެތި 15 އިންސައްތަ އާއި ހަމައަށް ފައިސާ ދެވިދާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.