ކުރީ ސަރުކާރުތަކުގެ ބޯހިޔާވަހިކަމުގެ ސްކީމުތަކުން އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންނަށް އެ ފްލެޓް ދޫ ކޮށްލުމުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޭ ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތި ލެވޭ ގޮތަށް ފްލެޓް ދިނުމުގެ އުސޫލަށް ބަދަލު ގެނަސްފި އެވެ. 

މާލޭގައި ދިިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުމުންތަކުގެ ތެރެއިން ގަލޮޅުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވަނީ މިކަން ހާމަ ކުރައްވާފަ އެވެ. 

އަންގާރަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލް ގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުގެ ބޯހިޔާވަހިކަމުގެ ސްކީމް ތަކުން އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންނަށް ފްލެޓަށް ކުރިމަތި ލެވޭނެ ގޮތެއް ހަދައިދިނުމަށް ވަރަށް ގިނަ ބަޔަކު އެދުނު ކަމަށެވެ. މިކަން ވަރަށް ގިނަ ގޮތްގޮތުން ބެލުމަށްފަހު މިހާރު ނިންމާފައި ވާނީ ކުރިން ލިބިފައިވާ އެއް ކޮޓަރީގެ ފްލެޓް ދޫ ކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތް ހެދުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިހާރު މި ހުޅުވާލާ ސްކީމުގައި އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ވެސް ފޯމު ހުށަހެޅޭނެ ގޮތަށް އުސޫލު ބަދަލުކުރެވިފައި ވާނީ. ކުރިމަތިލައިގެން ހޮވޭ ފަރާތްތަކުން އެ އޮންނަ އުސޫލުން އެތަން ދޫކޮށްލާފައި މި ސްކީމުން ލިބޭ ތިން ކޮޓަރީގެ ފްލެޓަށް ދާ ގޮތަށް،
 ރައީސް ޑރ. މުހައްމަދު މުއިއްޒު

މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓާއި 15،000 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ. 

މި ސަރުކާރުގެ 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމުގެ ދަށުން ތައާރުފު ކުރި ދެ ސްކީމަކީ މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރާ ސްކީމަކާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރާ ސްކީމެކެވެ.

މާލޭ ރަށްވެހިންގެ ކެޓެގަރީގައި ހިމެނެނީ، ފެށުނީއްސުރެ މާލޭ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި މާލޭ ދަފްތަރުގައި ޖެހިފައިވާ މީހުންގެ އިތުރަށް ފަހުން މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. އެ ސްކީމަށް އެދެވޭނީ މާލޭ ރަށްވެއްސަކަށްވެ، ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ.

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ތެރެއިން ފްލެޓު ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގައި މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.

ހައުސިންގ މިނިސްޓްރީ އިން ބުނީ މި ސްކީމްގެ ދަށުން މާލޭ ރަށްވެހިންނަށް ގޯތި ދޫކުރާނީ ގްރޭޓާ މާލެ ސަރަހައްދު އަދި ރަސްމާލެ އިން ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ހަމައެކަނި ރަސްމާލެއިން ނެވެ.

މި ޕްރޮގްރާމް އިފްތިތާހު ކޮށްފައިވާއިރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދާނެ އުސޫލުތައް ވެސް އާންމު ކޮށްފައި ވެ އެވެ. އޭގެ އިތުރުން ފްލެޓް ދޫކުރުމުގެ އުސޫލާއި ގޯތި ދޫކުރުމުގެ ސްކީމް އާ ގުޅޭ އުސޫލު ވެސް ވަނީ އާއްމު ކޮށްފަ އެވެ.