މާލެ ސަރަހައްދުގައި މީދާ ގިވަނެ، މީދާ މެރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ. 

މާލެ ސިޓީ ކައުންސިލުން ބުނީ  މާލޭ ގައި މީދާ ގިނަވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. 

މި މައްސަލަ ހައްލު ކުރުމަށްޓަކައި ސިޓީ ކައުންސިލުން އިސްނަގައިގެން މީދާ މަދުކުރުމަށް ޚާއްސް ޕްރޮގްރާމެއް ފަށާފައިވާ ކަން ވެސް ސިޓީ ކައުންސިލުން ވަނީ ހާމަ ކޮށްފަ އެވެ. 

އަންގާރަ ދުވަހު ލޯކަލް މާރުކޭޓު ސަރަހައްދުގައި ބޭއްވި ހަރަކާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވާފައި ވަނީ މާލޭ ގެ މޭޔަރު އާދަމް އާޒިމް އެވެ. ލޯކަލް މާރުކޭޓުން މި ހަރަކާތް ފެށި އިރު، މާލޭގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިއަށް ދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. 

ސިޓީ ކައުންސިލުން ބުނީ މި ހަރަކާތުގައި އުޅޭނީ އެ ކައުންސިލް ގެ މުވައްޒަފުން ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން މީދާ މަރަން މާލެ ސަރަހައްދުގެ އެކި ތަންތަނަށް ބޭސް އަޅާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ. 

ކައުންސިލުން ފެށި މި ހަރަކާތާ ގުޅިގެން މޭޔަރު ވިދާޅުވީ މި ޕްރޮގްރާމް ފެށުމާއެކު މާލޭގެ މަގުތަކުގެ ސާފުތާހިރުކަން އިތުރުވުމާއެކު މީދާ ގެ ސަބަބުން އާންމުންނަށް ކުރިމަތިވާ ތަފާތު އެކި އުނދަގޫތައް މަދުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ. 

މޭޔަރު ވިދާޅުވީ މި ހަރަކާތުގެ ސަބަބުން މަރުވާ މީދާތައް ނެގުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ކުރާނެ ކަމަށެވެ. 

މީދަލުގެ އުނދަގޫ ބޮޑުވެ، މީދާ މެރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށާފައިވާއިރު މާލޭގައި ބުޅާ ގިނަވެ، އާންމުންނަށް އެތައް ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާތައް އިތުރު ވުމާއެކު  އެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލޭގައި ބުޅާތަކަށް ޚާއްސަ ފެސިލިޓީއެއް ގާއިމު ކުރި އެވެ. ނަމަވެސް އެ ފެސިލިޓީ އަށް ގެންގޮސްފައި ވަނީ މަދު ބުޅަލެއް ކަމަށާ، އަދިވެސް މާލޭގައި ބުޅާ ގިނަވެ، އެކަމުން ލިބޭ އުނދަގޫތަކަށް ހައްލެއް ލިބިފައި ނުވާތީ ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކޮށް، ސަރުކާރަށް ދަނީ ފާޑު ކިޔަމުންނެވެ.