މާލެ މީހުންގެ ގޯތި ގެދޮރާއި ނުބެހުމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަށް ގޮވާލައިފި އެވެ.  

ގަލޮޅު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް މުއިއްޒު ޒ ގަލޮޅުގެ ރައްޔިތެއް ވާހަކަ ދައްކަމުން ބުނީ، ރައްޔިތުން މަޖިލީހުގެ މެންބަރުން ގެ ތެރެއިން ހާއްސަކޮށް އިބްރާހިމް ފަލާހް މާލެ ރައްޔިތުންގެ ގޯތި ގެދޮރާއި ނުބެހުމަށެވެ. 

ދެން އަޅުގަނޑު ބޭނުން ރައްޔިތުން މަޖިލީހެ ކިޔާތީވެ އެތަނުގެ ޝަކުވާއެއް ވެސް އަޅުގަނޑު ހުށަހަޅާލަން، ރައްޔިތުން މަޖިލީހުގެ އެތިބަ ނުބައި ނުލަފާ މީހުންތައް ކައިރީ އަޅުގަނޑު ބުނަން ބޭނުމީ މާލެ މީހުންގެ ގޯތި ގެދޮރާ ނުބެހޭށެ، ހާއްސަކޮށް ފަލާހު، ރ އަތޮޅު މެންބަރު ފަލާހު.
ގަލޮޅުގެ ރައްޔިތެއް

މާލޭ މީހުންގެ ގޯތި ގެދޮރާއި ނުބެހުމަށް ފަލާހު އަށް ގޮވާލައްވާފައި މިވަނީ 28 އޮކްޓޯބަރު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި ގޯއްޗާއި ފްލެޓާއި ބެހޭ ގޮތުން ފަލާހު ދައްކަވާފައިވާ ވަހާކަ ތަކަކާއި ގުޅިގެން ކަމަށް ބެލެވެ އެވެ.

އެގޮތުން އެ ޖަލްސާގައި ފަލާހު ވިދާޅުވީ "މިއީ އަޅުގަނޑު އެއްގޮތަަކަށް ވެސް މިތާ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަކަ އެއް ނޫން. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑުގެ ޝުއޫރެއް މި ހާމަކޮށްލަނީ. އަޅުގަނޑުގެ ހިޔާލަކީ އަދިވެސް، ހިލޭ ދީފައި އެހެރަ ބިންތައް، އެތާ ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި. ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯއްޗެއްގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" ކަމަށެވެ.

މާލެ ސަރަހައްދުން ހިލޭ ގޯތި ދޭން ނިންމުމަކީ ބޭ އިންސާފުން ކޮށްފައި އޮތް ކަމެއް ކަމަށާއި، އެ ގޯތިތައް ދައުލަަތަށް އަނބުރާ ނަގަން ޖެހޭ ކަމަށް ފަލާހު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު އަދިވެސް ސަރުކާރުގައި ހަމަ އެދެމޭ އެ ގޯތިތަކުގެ، ކޮށްފައި ހުރި މަސައްކަތެއް ހުރިއްޔާ އޭގެ ބަދަލު ދީފައި އެ ހުރިހާ ގޯއްޗެއް އަނބުރާ ދައުލަތަށް ނަގަން." ފަލާހު ވިދާޅުވި އެވެ.

ފަލާހުގެ މިވާހަކަތަކާއި ގުޅިގެން ވަރަށް ގިނަ މާލޭ ރައްޔިތުންގެ ނުރުހުން ފަލާހު އަށް އަމާޒުވި އެވެ.

މީގެ އިތުރުން ވެސް މަޖިލީހުގައި ފަލާހު ގޯތި ގެދޮރާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތައް ސޯޝަލް މީޑިއާ ގައި ވެސް ހާމަ ކޮށްފައި ވެ އެވެ.  މަޖިލިސް މެންބަރުންގެ މާލީ ބަޔާން ހުށަހެޅި އިރު، ފަލާހު ގެ މާލީ ބަޔާނު ގައި ފެންނަން ނެތް އެހެން ނަމަވެސް އިތުރު 4 ގޯއްޗެއް ގަނެފައިވާ ކަމަށް ފަލާހު އަމިއްލަފުޅަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް ވެސް ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާންމު ކުރެއްވުމުން އެކަމާއި ގުޅިގެން ނޫސްތަކަށް އަރާފައިވާ ސުރުހީއަކާ ގުޅިގެން، އެކަމާ ނުރުހުން ފާޅުކޮށް ފަލާހު ވަނީ ވާހަކަ ދައްކަވާފަ އެވެ. ފަލާހުގެ މާލީ ބަޔާނުގައިވާ ގޮތުން ގެދޮރު ކުއްޔަށްދީގެން އަހަރެއްގެ މައްޗަށް 3 މިިލިއަނަށްވުރެ ގިނަ ރުފިޔާ އޭނާ ލިބިވަޑައިގަންނަވަ އެވެ.