ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންނަށް ވަޒީފާ އަދާކުރެވޭނީ ވަރކްސައިޓް ރަޖިސްޓްރީކޮށް، ކޯޓާ ހޯދުމާއި، ވަރކް ޕަރމިޓް ހޯދައިގެން ކަމަށް ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނައި ބަދަލުގައި ބުނެފި އެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވަނީ މި ހުއްދަތައް ދިނުމުގެ އިޚްތިޔާރު އާ ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވެ އެވެ.

އާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ބިދޭސީއަކު ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް ގެންނަން ކުރިން ތިން ހުއްދައެއް ނެގުމަކީ އެ ބިދޭސީއަކު ގެންނަ ފަރާތުގެ ޒިންމާއެކެވެ. އެއީ ބިދޭސީން ވަޒީފާ އަދާކުރާ ވަރކްސައިޓް ރަޖިސްޓްރީކުރުމާއި، ބިދޭސީން ގެންނަން ބޭނުންވާ ކޯޓާ ހޯދުމާއި، ވަރކް ޕަރމިޓް ހޯދުން މީގެ ތެރޭގައި ހިމެނެ އެވެ. 

ވަރކްސައިޓް ރަޖިސްޓްރީކުރުމާ ގުޅޭ ގޮތުން ގަވާއިދުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީން ވަޒީފާ އަދާކުރާ ވަރކްސައިޓަކީ ގަވާއިދުގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓްރީކޮށް، ބިދޭސީން ވަޒީފާގައި ގެންގުޅުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާ ސައިޓެއް ކަމުގައި ވާންޖެހޭނެކަމަށެވެ.

ވަރކްސައިޓެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ މީހުން ދިރިއުޅޭ ރަށްރަށުގައި ވިޔަފާރި ބޭނުމަށް ހިންގާ ތަންތަނާއި، މީހުން ދިރިނޫޅޭ ރަށްރަށުގައި ވިޔަފާރި ބޭނުމަށް ހިންގާ ތަންތަނާއި، އޮންލައިން ވިޔަފާރި ނުވަތަ ވަރޗުއަލް ވިޔަފާރި ހިންގާ ތަންތަނާއި، ވިޔަފާރި ބޭނުމަށް ބޭނުންކުރާ ކަނޑު އުޅަނދުތަކާއި، ގޭބިސީތަކެވެ.

ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވަނީ، ވަރކްސައިޓް ރަޖިސްޓްރީނުކޮށް ނުވަތަ އެއްވެސް ސަބަބަކާހުރެ މިނިސްޓްރީން އެ ވަރކްސައިޓުގެ ހުއްދަ ބާޠިލުކޮށްފައިވާ ނަމަ، ނުވަތަ ހުއްދަ ހިފަހައްޓައިފައިވާ ނަމަ، ހުއްދަ ނެތި އެ ވަރކްސައިޓުގައި ބިދޭސީން ވަޒީފާ އަދާކުރުމަކީ މަނާ ކަމެއް ކަމަށެވެ. މިފަދަ ޢަމަލެއް ހިންގާ ފަރާތަކާމެދު ގަވާއިދުގެ ޖަދުވަލު ހަތެއްގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެ އެވެ.

ކޯޓާއާ ގުޅޭ ގޮތުން ބުނެފައިވަނީ، ކޯޓާ ޔޫޓިލައިޒްކުރެވޭނީ ގަވާއިދުގެ ޖަދުވަލު ތިނެއްގައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކޯޓާގެ ފީގެ ގޮތުގައި ބާރަ މަސްދުވަހުގެ މުއްދަތަށް ކޯޓާއަކަށް ދެހާސް ރުފިޔާ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ.

ވަރކް ޕަރމިޓާ ގުޅޭ ގޮތުން ބުނެފައިވަނީ، ވަރކް ޕަރމިޓް ދޫކުރެވޭނީ ޕްރޮފެޝަނަލް އެންޑް މެނޭޖީރިއަލް ކެޓަގަރީއާއި، ނޮން ޕްރޮފެޝަނަލް ކެޓަގަރީއާއި، ޑޮމެސްޓިކް ކެޓަގަރީއަށް ކަމަށެވެ. ގަވާއިދުގައި ބުނެފައިވަނީ، ވަރކް ޕަރމިޓުގެ މުއްދަތަކީ ވަރކް ޕަރމިޓުގެ ފީ ދައްކައިފައިވާ މުއްދަތުކަމަށެވެ.

ނޮން ޕްރޮފެޝަނަލް ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ހުނަރެއް ނެތް ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށްޓަކައި ވަރކް ޕަރމިޓް ދެވޭނެ އެންމެ ދިގު މުއްދަތަކީ ދިހައެއް އަހަރުދުވަހުކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ގަވާއިދާ ހިލާފުވާ މީހުންނާ މެދުގައި ފިޔަވަޅު އެޅުމުގެ އުސޫލާއި ޖޫރިމަނާ ކުރާނެ އަދަދުތައް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ބިދޭސީއަކާ މެދު އިހުމާލުވެއްޖެ ނަމަ، އަދި ގަވާއިދާ ހިލާފު ވެއްޖެ ނަމަ 50،000ރ. އަށް ވުރެ މަތީ އަދަދުތަކުން ޖޫރިމަނާކުރާނެ އެވެ.