ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނި ތަކެއްގެ އަތުން އޮޅުވާލައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި ހުސައިންގެ ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ އެވެ.

ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި 2023 ވަނަ އަހަރު ހައްޔަރުކުރި ޝިފާއުގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ އަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާ އެކެވެ.

ކްރިމިނަލް ކޯޓުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެފައި ވާއިރު އޭގެ ތެރެއިން މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ އެއްވެސް ޝިފާއުގެ މައްޗަށް ވަނީ ސާބިތު ވެފަ އެވެ.

އަދި އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ އެ މައްސަލާގައި ޝިފާއުގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް ސާބިތުވާ ކަމަށެވެ. އަދި އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ދައުލަތަށް ނަގަން އެދުނަސް، ގާޒީ ވިދާޅުވީ އެ ފައިސާ ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ދައުލަތުން އެދުނީ ކޮންމެ ދައުވާއެއްގައި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއަކާ އެކު 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ނަމަވެސް މިހާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޝިފާއު އެދުނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އެހެން ދުވަހަށް ފަސްކުރުމަށެވެ.

ޝިފާއުގެ މައްސަލަ ކޯޓުގައި އޮއްވާ އޭނާއަށް މި ސަރުކާރުގައި ސިޔާސީ މަގާމަކަށް ވެސް ވަނީ އައްޔަން ކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ އޭނާ އެ މަގާމުން ވަކިކޮށްފަ އެވެ. މި މައްސަލާގައި ފަހުން ޝިފާއުގެ އަދަބު ލުއިކުރަން ދައުލަތުން އޭނާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހެދި އެވެ. ނަމަވެސް އެ އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.