އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އީ-ވީސާގެ ޚިދުމަތް ތަޢާރަފުކުރުމާއި ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތައް އަދި ވަޒީފާ ދޭފަރާތްތަކުގެ ސަމާލުކަމަށް ގިނަ ކަންތައްތަކެއް އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެއަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ އެ ބިދޭސީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް ލިބިފައިވާ ބިދޭސީއަކަށް ވާންވާނެ އެވެ.

"އެންޓްރީ ޕާސް" ލިބިގެން ރާއްޖެއަށް އެތެރެވާ ބިދޭސީން އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވާރކް ވީސާއަށް އެދި ހުށަހެޅުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެ ކެވެ.

އަދި ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީސާއެއް އޮތް ނަމަވެސް، ވާރކް ވީސާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީސާއެއް އޮތް ބިދޭސީންނަށެވެ.

ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީސާ އެއް އޮތް ނަމަވެސް، ވާރކް ވީސާ ގައި ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީސާ އެއް އޮތް ބިދޭސީންނަަށް ކަން އިމިގްރޭޝަނުން އާންމުކުރި މައުލުމާތުގައިވެ އެވެ.

މީގެ އިތުރަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީސާ އެއް އޮތް ނަމަވެސް، އެ ބިދޭސީންގެ ވާރކް ވީސާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީސާއަށް ބަދަލުވުމުން، އެ ބިދޭސީއެއްގެ އީ-ވީސާގެ މުއްދަތު އޮތްތޯ ކަށަވަރުކުރުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެއްކަން އިމިގްރޭޝަނުން ބުނެ އެވެ.

ރާއްޖޭގައި އީ-ވިސާ ގެ ޚިދުމަތް ތަޢާރަފް ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ރާއްޖެއަކީ މިސަރަަހައްދުގައި އީ ވީސާގެ ޚިދުމަތް ތައާރަފްކުރި ފުރަތަމަ ގައުމެވެ.

އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރެވޭ ވީސާއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް "އޮންލައިން" ކުރެވި، އީ-ވިސާ ގެ ޚިދުމަތް ތައާރަފުކުރުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވީސާ ދޫކުރުމާ ގުޅޭ ޚިދުމަތްތަކަށް މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ވަނީ ބަދަލުތަކެއް އައިސްފަ އެވެ.