ރާއްޖެ  އަށް ގަވާއިދާއި ހިލާފަށް ބިދޭސީން  އެތެރެކޮށް މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށް ލުމަށާއި 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަ ޙުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ޖަލަށް ލާފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ވާ ޝަހާދަތު ހޮސައިން އެވެ. އޭނާ އަކީ އެމްޕްލޯއިމެންޓް އެޖެންސީ ހިންގާ އުސޫލުން ބިދޭސީން ރެކްރޫޓްކުރުމަށް ކަަމަށް ބުނެ ރާއްޖެ އައި ބިދޭސީއެކެވެ.

އެހެންނަމަވެސް ފަހުން އޭނާ ވަނީ ގަވާއިދާއި ހިލާފަށް ވަޒީފާދޭ ކުންފުނިތަކުގެ އިތުރުން ބައެއް އަމިއްލަ ފަރާތްތައް ތަމްސީލްކުރަން ފަށާފަ އެވެ. 

އެ ބިދޭސީ މީހާގެ މައްޗަށް ދައުލަތުން ވަނީ މަނީލޯންޑަރިން އާއި ރިޝްވަތު ދިނުންމުގެ ދައުވާ އުފުލާފަ އެވެ. ހަމައެހެންމެ ހުއްދަ ނުނަގާ ހުއްދަ ލާޒިމުކަމެއް ކުރުމާއި ސައްހަ ނޫން ލިޔުންތައް އުފެއްދުމުގެ ދައުވާތައް ވެސް ވަނީ ކޮށްފަ އެވެ. ޝަހާދަތު ވަނީ އޭނާ ގެ މައްޗަށް ކުރާ ދައުވާތަކަށް އިއުތިރާފް ވެ ދައުލަތާއި އެކު އެއްބަސްވުމެއް ހަދާފަ އެވެ. 

އޭނާ ގެ މައްޗަށް ކޮށްފައި ވަނީ މަނީލޯންޑަރިންގެ ކުށަށް ދެ އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމެކެވެ. އޭނާ 53،400 ރުފިޔާގެ ޖޫރިމަނާ އެއް ކުރުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ. ހަމައެހެންމެ ރިޝްވަތުގެ ކުށް ސާބިތުވެފައި ވާތީ ހަ މަސްދުވަހުގެ ޖަލު ހުކުމާއި 21،600 ރުފިޔާގެ ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފަ އެވެ.

މި މައްސަލައިގައި ދަލަތުން ބުނީ  ޝަހާދަތު ހޮސައިން ބިދޭސީން ރާއްޖެ ގެނައުމަށްޓަކާ ސައްހަނޫން ލިޔުންތައް ތައްޔާރުކޮށްފައިވާ ކަަމަށެވެ. ޝަހާދަތު ވަނީ އެ ލިޔުންތަކުގެ ބޭނުންކޮށްގެން އިމިގްރޭޝަންގެ ތެރެއިން ގަވާއިދާހިލާފަށް ކޯޓާ ހަމަޖައްސާފައި ކަމަށް ދައުލަތުން ބުނެފައި ވެ އެވެ.

ދައުލަތުން އިތުރަށް ބުނީ އެ މަސައްކަތް ކޮށްގެން ލިބިފައިވާ ފައިސާ ޖަމާކޮށްފައި ވަނީ އޭނާ ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ. އެގޮތުން  2019 އޮކްޓޫބަރު 15 އިން  2024 އޮކްޓޫބަރު 15 އަށް އޭނާ ގެ އެކައުންޓަށް 8.2 މިލިއަން ރުފިޔާ ޖަމާވެފައިވާކަމަށް ދައުލަތުން ބުނެފައި ވެ އެވެ.