ހުޅުމާލޭގެ ރައްކަާތެރިކަން އިތުރު ކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެސްޓޭޓް ސެކިއުރިޓީ ގެ ޚިދުމަތް ތައާރަފު ކޮށްފި އެވެ. 

އެޗްޑީސީ އިން "އެސްޓޭޓް ސެކިއުރިޓީ ސަރވިސް" ގެ ނަމުގައި އިފްތިތާހު ކުރި މި ޚިދުމަތަކީ އެ ކުންފުނީގެ ސެކިއުރިޓީގެ މަސައްކަތްތައް ޚާއްސަ ބްރޭންޑެއް ގެ ދަށުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފު ކުރެވުނު ޚިދުމަތެއް ކަން އެޗްޑީސީ އިން ފާހަގަ ކުރެ އެވެ. 

މި ޚިދުމަތް ތައާރަފު ކޮށްދީފައިވަނީ އެކަމަށްޓަކައި ބޭއްވި ޚާއްސަަ  ރަސްމިއްޔާތެއްގައި އެ ކުންފުނީގެ  މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު އެވެ. 

އެޗްޑީސީ އިން ބުނީ ތައާރަފު ކުރެވުނު މި ޚިދުމަތާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މުދަލާއި. ފަރުދުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމް ގެ ދަށުން ސިކިއުރިޓީ ޚިދުމަތް ހަރުދަނާވެ، ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެން ދާނެ ކަމަށް ވެސް އެޗްޑީސީ އިން ވަނީ ފާހަގަ ކޮށްފަ އެވެ. 

މި ޚިދުމަތް ފެށުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ތަންތަން ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ކުރާނެ ކަން ފާހަގަކޮށް އެޗްޑީސީ އިން ބުނީ ސީސީޓީވީ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް މި ޚިދުމަތް ފުޅާކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރާނެ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންދާނީ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކަމަށާ ޚާއްސަކޮށް ފުލުހުންނާ ގުޅިގެން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.