ގަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 2 ވިޔަފާރިއެއް ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފި އެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުން ދިޔަ 9 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. 

އަދި މި އޮޕަރޭޝަނުގައި އިޤްތިޞާދީ ވުޒާރާއިން 2 ތަނެއްގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވައި 1 ތަނަކަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވި އެވެ.

ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފަ އެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފަ އެވެ.