ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ފަތްތަކެއް ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ. އަތުލައިގަތް ތަކެތީގެ ބަރުދަނުގައި ތިން ކިލޯ 50 ގްރާމު ހުރި ކަމަށް ކަސްޓަމްސް އިން ހޯމަ ދުވަހު އާންމު ކޮށްފައިވާ މައުލޫމާތުގައި ވެ އެވެ.

މި ތަކެތީގެ އަގު 2.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނެވެ.

މި ތަކެތި ރާއްޖެ އެތެރެކުރީ ކޮން ފަރާތަކުން ކަމެއް ކަސްޓަމްސް އަދި ފުލުހުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި މިއީ ކޮން ގައުމަކުން ރާއްޖެއަށް ގެނައި ތަކެއްޗެއް ކަމެއް ވެސް ހާމަ އެއް ނުކުރެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު އިސްލާޙު ކުރުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ. . މި ބިލުގައި ވާގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރަށް ރާއްޖެ އެތެރެ ކޮށްފި ނަމަ މަރުގެ އަދަބު ދެވޭނެ އެވެ. 

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލުކުރި ނަމަވެސް، މަރުގެ އަދަބު ރާއްޖޭގައި ދެވޭނެ ކަމާ މެދު ގިނަ ފަރާތްތަކަކުން ސުވާލު އުފައްދަ އެވެ.