ރައްޔިތުންގެ ފައިސާއިން ހިންގާ 13 ކުންފުންޏެއް އަދިވެސް 2024 ވަނަ އަހަރުގެ އޮޑިޓް ފުރިހަމަ ނުކުރާކަން ހާމަވެއްޖެ އެވެ.

މި ކުންފުނިތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އަދި ރައްޔިތުންގެ ފައިސާއިން އެންމެ ބޮޑު ހޭދަކުރާ ކުންފުނިތައް ހިމެނެ އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާއްމުކުރި ކުންފުނިތަކުގެ 2024 ވަނަ އަހަރުގެ ރިޕޯޓަށް ބަލާއިރު، ސަރުކާރުގެ އެންމެ ބޮޑެތި ކުންފުނިތައް ބަރާބަރަށް އޮޑިޓެއް ނުކުރާކަން ފާހަގަވެ އެވެ. އެގޮތުން ބައެއް ކުންފުނިތައް އޮޑިޓް ނުކުރާތާ 3 އަހަރު ވެފައިވާކަން އެ ރިޕޯޓުން ދައްކަ އެވެ.

އާރްޑީސީ، ވެމްކޯ، ޕީއެސްއެމް އަދި ބީސީސީ އަކީ 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓު ނިންމާފައި ނުވާ ކުންފުނިތަކެވެ. މީގެ އިތުރުން ހައްޖު ކޯޕަރޭޝަނުން 2023 އަދި 2024 ގެ އޮޑިޓު ނިންމާފައެއް ނުވެ އެވެ.

2024 ވަނަ އަހަރުގެ އޮޑިޓު ފުރިހަމަ ނުކުރާ ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ، އެމްޕީއެލް، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް، ސްޓެލްކޯ، ޕީއެސްއެމް، އާރްޑީސީ، އެމްއެފްއެމްސީ، ވެމްކޯ، ބީސީސީ، ފަހި ދިރިއުޅުން ކޯޕަރޭޝަން، ޓްރޭޑްނެޓް، ފެނަކަ އަދި ހައްޖު ކޯޕަރޭޝަން ހިމެނެއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރިޕޯޓުން ދައްކާގޮތުގައި ސަރުކާރުގެ ގިނަ ކުންފުނިތަކުގެ މާލީ ހާލަތު ދަށަށް ދާކަން ފާހަގަކުރެވެ އެވެ. މާލީ ހާލަތު ދަށަށް ދާއިރު، އޮޑިޓް ފުރިހަމަ ނުކުރުމަކީ ކުންފުނިތަކު ގެ ހިންގުމުގައި ހުރި ބޮޑު މައްސަލައެކެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އެތައް ގުނައެއް އިތުރުކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ. މުވައްޒަފުންގެ އަދަދު އިތުރުވުމާއެކު ކުންފުނިތަކުގެ ހަރަދުތައް ބޮޑުވެ، މާލީ ބުރަ އަންނަނީ އިތުރުވަމުންނެވެ.

.