ނިމިދިޔަ 2024 ވަނަ އަހަރު 109 މިލިއަން ރުފިޔާ ގެ ގެއްލުމުގައި ނިންމައިލި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަހުގެ ގޮތުގައި 18،600 ރުފިޔާ ދޭން ފަށައިފި އެވެ.

އެޗްޑީސީ އިން މިދިޔަ އަހަރު 10،000 ރުފިޔާ އަހަރީ ބޯނަހުގެ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންނަށް ދިނެވެ. މައުލޫމާތު ލިބޭ ގޮތުގައި މިފަހަރު އެ ބޯނަސް ވަނީ ގާތްގަނޑަކަށް ދެގުނަ ބޮޑުވެފަ އެވެ. އެގޮތުން މިފަހަރު ކޮންމެ މުވައްޒަފަކަށް ވެސް އަހަރީ ބޯނަހުގެ ގޮތުގައި 18،600 ރުފިޔާ ވަނީ ދޭން ފަށާފަ އެވެ.

އެޗްޑީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވާ އެއް ކުންފުންޏެވެ. އެހެންނަމަވެސް އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެޗްޑީސީ އަށް ވަނީ 109 މިލިއަން ރުފިޔާ ގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ. 

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އަހަރީ ރިޕޯޓުން އެނގޭ ގޮތުގައި އެޗްޑީސީ އަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 3.5 ބިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު އާމްދަނީ އާއި އަޅާބަލާއިރު 50 އިންސައްތަ ދަށް އަދަދެކެވެ. އަދި މިދިޔަ އަހަރު އެޗްޑީސީއަށް ސާފު ފައިދާގެ ގޮތުގައި އެއްވެސް މިންވަރެއް ނުލިބެ އެވެ.

މިދިޔަ އަހަރު ކުންފުނީގެ އާމްދަނީ 50 އިންސައްތަ ދަށްވެ، ގެއްލުމުގައި އަހަރު ނިންމާލި ހާލަތުގައި ބޯނަސް ދެގުނަ ބޮޑުކުރުމުން ގިނަ ފަރާތްތަކަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެޗްޑީސީ ގެ ފަރާތުން ބުނީ ބޯނަސް ފައިސާ ދޫކުރަނީ ކުންފުނީގެ ބޯޑުން ފާސްކޮށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.