ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މާލޭ ނޯތުހާބަރު ސަރަހައްދުގައި ހުރި ކަނޑު އުޅަނދުތައް ނަގަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އަންގައިފި އެވެ.

މާލޭ ނޯތުހާބަރު ސަރަހައްދު ބަލަހައްޓަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންނެވެ.

އެ ކުންފުނިން ބުނީ  ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. މި މަސައްކަތުގެ ތެރެއިން މާލޭ ނޯތުހާބަރު ސަރަހައްދުގެ މަސައްކަތް މި މަހުގެ ވިހި ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެގްމެންޓަކަށް ބަހާލައިގެންނެވެ. މި މަސައްކަތުގެ ފުރަތަމަ ސެގްމެންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ނޯތުހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރު ހިމެނޭ ސަރަހައްދެވެ.

މަސައްކަތް ކުރާ ސަރަހައްދުގައި ހުންނަ އުޅަނދުތައް ނަގަންޖެހޭ ސަރަހައްދުގެ ގޮތުގައި އެމްޕީއެލް އިން އާންމުކޮށްފައިވާ ފޮޓޯގައި ވަނީ މާލޭ ލޯކަލް މާރުކޭޓް އަދި މަސް މާރުކޭޓް ކުރިމައްޗަށް ވާގޮތަށް އަޅާފައިވާ ކަންނެލި، މަސް އަދި މުދާ އުފުލާ ބޯޓު ފަހަރު ހިމެނޭ ސަރަހައްދެެވެ. 3 ސެގްމަންޓަކަށް ބަހާލާ އިރު ފުރަތަަމަ ސެގްމަންޓަކީ މި އެވެ.  

ދެވަނަ ސެގްމަންޓްގެ ގޮތުގައި އިނީ ދަތުރުވެރިންގެ މާރުކޭޓް ކުރިމައްޗަށް ވާގޮތަށް އިން ސަަރަހައްދެވެ. އަދި ތިންވަނަ ސެގްމަންޓުގެ ގޮތުގައި އިނީ އަތޮޅު ފިހާރަބަރި ކުރިމަތިން ގޮސް ނޯތް ހާބަރާ ހަމައަށެވެ. 

ފުރަތަމަ ސެގްމެންޓުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި މިހާރު ހުރި އުޅަނދުތައް މި މަހުގެ 19 ވަނަ ދުވަހުގެ މެންދަމަށް އެ ސަރަހައްދުން ނެގުމަށް އެމްޕީއެލްއިން ވަނީ އަންގާފަ އެވެ. 

ނަމަވެސް އެތަންތަނުގެ މަސައްކަތް ކުރިއަށްދާ އިރު އެސަރަހައްދުގައި އުޅަނދުތައް އަޅާފައިވާ އުޅަނދުތައް އަޅާނެ އެހެން ސަރަހައްދެއް އެމްޕީއެލްއިން ހާމަކޮށްފައި ނުވެ އެވެ. މި ސަރަހައްދަކީ މާލޭގެ މަސްމާރުކޭޓާއި ލޯކަލް އަދި ދަތުރުވެރިންގެ މާރުކޭޓަށް ރަށްރަށުން މުދާ ގެނެސް މާލޭގައި ވިޔަފާރީގެ ހަރަކާތްތައް އެންމެ ކާރުބާރު ބޮޑު ސަރަހައްދެވެ. އަދި މިއީ ރަށްރަށަށް މުދާ ގެނެސް ބާލާ ސަރަހައްދު ވެސްމެ އެވެ.