ސުލްހަވެރިކަމާއެކު ޚިޔާލުފާޅު ކުރުމަކީ އަސާސީ ހައްގެއް ކަމަށާ އެ ހައްގު ބޭނުން ކުރުމުގެ ސަބަބުން ހައްޔަރު ކޮށްފައިވާ މަސައްކަތްތެރިން ދޫކޮށްލުމަށް އިންޓަނޭޝަނަލް ލޯޔަރޒް އެސިސްޓިންގ ވާކަރސް ނެޓްވާރކް (އައިއެލްއޭޑަބްލިއު) އިން ސަރުކާރަށް ގޮވާލައިފި އެވެ. 

މަސައްކަތްތެރިން ގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް ލޯޔަރޒް އެސިސްޓިންގ ވާކަރސް ނެޓްވާރކް އިން ވަނީ ރާއްޖޭގައި އުޅޭ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގޮވާލާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީ އެއް ފޮނުވާފަ އެވެ. 

މި ސިޓީގައި ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މެންބަރުންގެ އިތުރުން، ޚިޔާލުފާޅު ކުރުމުގެ އަސާސީ ހައްގު ބޭނުންކޮށްގެން ހައްޔަރު ކޮށްފައިވާ މަސައްކަތްތެރިން ދޫކޮށްލުމަށް ގޮވާލާފަ އެވެ.

ސިޓީގައި ބުނީ، މި މަހުގެ 10 ވަނަ ދުވަހު ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖު ކޮށްފައި ވަނީ އެ މީހުންގެ ހައްގުތައް ހޯދުމަށް ކަމަށެވެ. އަދި އެ އިހުތިޖާޖަކީ ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތުތައް ނުފުއްދައިގެން އެކަމުގެ ޖަވާބު ހޯދުމަށް ކުރި ސުލްހަވެރި އިހުތިޖާޖެއް ކަމަށެވެ. 

އިހުތިޖާޖާ ގުޅިގެން 28 މީހުން ފުލުހުން ހައްޔަރު ކޮށްފައިވާ ކަން ފާހަގަކޮށް އެ ޖަމިއްޔާ އިން ބުނީ  އެ މީހުންގެ ތެރޭގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މެންބަރުން ގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ވެސް ހިމެނޭ ކަމަށެވެ. 

ފުލުހުން އެ މީހުން ހައްޔަރު ކޮށްފައި ވަނީ މަސައްކަތްތެރިންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ. 

އައިއެލްއޭޑަބްލިއު ގެ ސިޓީގައި ބުނީ މި އިހުތިޖާޖުން ހައްޔަރު ކުރި ކެންދޫ ދާއިރާގެ މަޖިިލިސް މެންބަރު މައުރޫފް ޒާކިރު ވެސް ހައްޔަރު ކޮށްފައި ވަނީ އަނިޔާވެރި ކޮށް ކަމަށެވެ. އޭގެ ސަބަބުން މެންބަރު ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަން ވެސް ސިޓީގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އިހުތިޖާޖާ ގުޅިގެން ކަމަށް ބުނެ ހައްޔަރު ކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުން ދިއަ 20 މީހަކު ހައްޔަރު ކޮށްފައިވާއިރު އެ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. 

އެގޮތުން ލިޔެކިޔުން ނެތިގެން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދު ކޮށްފައިވާ މީހުންގެ ހާލަތާއި ގާނޫނީ ހައިސިއްޔަތާ ބެހޭ ގޮތުން ސާފު މައުލޫމާތު ލިބެން ނެތް ކަން އެ ޖަމިއްޔާ އިން ވަނި ފާހަގަ ކޮށްފަ އެވެ. 

އެ ޖަމިއްޔާ އިން ސަރުކާރަށް ގޮވާލީ، އަސާސީ ހައްގުތައް ބޭނުން ކުރުމުގެ ސަބަބުން ހައްޔަރު ކުރެވިފައިވާ ހުރިހާ އެންމެން ވަގުތުން ދޫކޮށްލުމަށެވެ. އަދި ހައްޔަރު ކުރެވިފައިވާ  މީހުން ބައިތިއްބާފައިވާ  ތަންތަނާއި ގާނޫނީ ހައިސިއްޔަތާ ބެހޭ މައުލޫމާތު ހާމަ ކުރުމަށެވެ.

މީގެ އިތުރުން، ޑޮކިއުމެންޓް ނެތި މަސައްކަތް ކުރަމުން ދިއަ މީހުންގެ ހައްގުތައް ރައްކާތެރިކޮށް އެމީހުންނަށް ވަކީލުންގެ އެހީ އަށް އެދެވޭނެ މަގު ފަހި ކޮށްދިނުމާ  އެކު ސުލްހަވެރި ކަމާއެކު އިހުތިޖާޖު ކުރުމަކީ ކުށަކަށް ހެދުން ހުއްޓާލުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.